ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަސް އިހްޔާ ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން އިހްޔާ ފޯރަމްތަކެއް ކުރިއަށް ގެންދެއެވެ.
އެއީ މިނިސްޓްރީގެ މަސައްކަތެއްގެ ގޮތުގައި ދެކެމުން އައި އައުން ބަދަލުކޮށް، އެއީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ފެންވަރުގައި ވެސް ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމް ތަކެއްކަން ހދ. މަކުނދޫ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ފާއިތުވި ރަމަޟާންމަހު ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ފެންވަރު ރަނގަޅު އިހްޔާ ފޯރަމްތަކުން ހާމަވެގެންދެއެވެ.
މަކުނުދޫ ކައުންސިލުން އިސްނަގައިގެން އެ ކައުންސިލުން ފަނޑުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ މަކުނުދޫއަކީ އިސްލާމްދީނަށް ލޯބިކުރާ، ދީނީ އެއްބައިވަންތަކަން ދަމަހައްޓައި، ދީނަށް ހޭލުންތެރި މުޖުތަމައަކަށް ހެދުމެވެ. އަދި އެ ރަށުގައި ދީނީ ދަޢުވަތުގައި ހަރަކާތްތެރިވާނެ ދީނީ، ޒުވާން ޖީލެއް ބިނާކުރުމެވެ.
އެކިއެކި މަޢުޟޫތަކަށް ހާއްސަކޮށްގެން މަކުނުދޫ ކައުންސިލުން ވަނީ ހަތަރު އިހްޔާ ފޯރަމެއް ކުރިއަށް ގެންގޮސްފައެވެ. ފުރަތަމަ ފޯރަމް ކުރިއަށް ގެންގޮސްފައި ވަނީ ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް "އަންނަނީ ރަމަޟާން ކަރީމް" މި މަޢުޟޫއަށެވެ.
މި ފޯރަމްގައި ބައިވެރިންނަށް މަޢުޟޫއާއި ގުޅޭގޮތުން ދަރުސް ދެއްވާފައި ވަނީ ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ ސެއިޚް އިލިޔާސް ހުސެއިންއެވެ.
ދެވަނަ ފޯރަމް ކުރިއަށް ގެންގޮސްފައި ވަނީ "މޫސަނަ" ނަމުގައެވެ. އެ ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުޟޫއާއި ގުޅޭގޮތުން ދަރުސް ދެއްވާފައި ވަނީ ސެއިޚް ހުސެއިން އަންޞާރުއެވެ. މޫސަނަގެ މާނައަކީ އައްޑަނައެވެ.
ތިންވަނަ ފޯރަމް ކުރިއަށް ގެންގޮސްފައި ވަނީ "ހަޔާތުގެ ދަތުރު" މި މަޢުޟޫއަށެވެ. މި މަޢުޟޫއަށް ފޯރަމްގެ ބައިވެރިނަށް ދަރުސް ދެއްވުމުގެ ގޮތުން ދެ ސެއިޚަކު ވަނީ ބައިވެރިވެފައެވެ. އެއީ ސެއިޚް އަބްދުﷲ ރަޝީދުއާއި ސެއިޚް މުޙައްމަދު ޝިފާންއެވެ.
IHYA FORUM 3
DHEENUGA SAABITHUVUNPosted by Secretariat of South Thiladhunmathi Makunudhoo Council on Friday, April 29, 2022
ހަތަރުވަނަ ފޯރަމް ކުރިއަށް ގެންގޮސްފައި ވަނީ "ދީނުގައި ސާބިތުވުން" މި މަޢުޟޫއަށެވެ. މި މަޢުޟޫގައި ފޯރަމްގެ ބައިވެރިންނަށް ދަރުސް ދެއްވާފައި ވަނީ ސެއިޚް އަބްދުﷲ އާމިރުއެވެ.

މި ފޯރަމްތައް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު ދުވަހުގެ ރޭ 21:30 އިން 22:45 އަށް މަކުނުދޫ ހުޅަނގު ފަރާތު ބޮޑު ސްޓޭޖުގައެވެ. ކާމިޔާބު ހަތަރު ފޯރަމް ކުރިއަށް ގެންގޮސްފައިވާއިރު، ފާހަގަވި އެއްކަމަކީ ކޮންމެ ފޯރަމެއް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އެ ފޯރަމަކަށް ހާއްސަކޮށް ހަދާފައވާ ބެކްޑްރޮޕެއްގައި ކަމެވެ.

މި ފޯރަމްތަކާއި ގުޅޭގޮތުން "ތިލަދުން" ނޫހާއި މަޢުލޫމާތު ހިއްސާ ކުރައްވަމުން، މަކުނުދޫ ކައުންސިލްގެ އެސްޖީ އަބްދުﷲ މާހިދު ވިދާޅުވެފައި ވަނީ ފޯރަމްތަކަކީ މަކުނުދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ އިވެންޓެއް ނަމަވެސް މިކަން ކުރިއަށް ގެންދިޔުމުގައި ރަށުގެ ޒުވާނުންނާއި، މަކުނުދޫ ކައުންސިލުގެ ދަރިވަރުންގެ ފަރާތުންނާއި އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. މާހިދުވަނީ އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
IHYA FORUM 3
DHEENUGA SAABITHUVUNPosted by Secretariat of South Thiladhunmathi Makunudhoo Council on Friday, April 29, 2022
"އެއް މަޤުޞަދު ދީނަށް ލޯބިކުރާ ޖީލެއް ރަށުގައި ބިނާކުރުން، ވުމާއެކު ސްކޫލް ކުދިން މިކަމުގައި ބައިވެރި ކުރަން ވަރަށް ބޮޑަށް ވިސްނީ، މިގޮތުން ފޯރަމް އޮންނަ ރޭގެ އިންވިޓޭޝަން ބެހުން ފަދަ ކަންކަމަށާއި ސްޓޭޖް ތައްޔާރުކުރުމުގެ މަސައްކަތަށް މަކުނުދޫ ސްކޫލުގެ މަތީ ގްރޭޑްގެ ދަރިވަރުންގެ އެހީތެރިކަން ހޯދީ، އެ ކުދިން މިކަމުގައި ވަރަށް ބޮޑަށް އުޅުނު، އަދި ފޯރަމްތަކަށް ވެސް އެކުދިން ހާޟިރުވޭ، މިއީ އުފާވެރިކަމެއް"
ކޮންމެ ފޯރަމެއްގައި ވެސް 400 އަށް ވުރެ ގިނަ މީހުން ބައިވެރިވާކަން ފާހަގަ ކުރަމުން މާހީދު ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!