ތިލަދުންމަތީގެ އިޤްތިސާދު ހިންގާލުމަށް އެންމެ ފަސޭހަ މަގަކީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކޮށްގެންކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް، އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އަމީން މިހެން ވިދާޅުވީ، "އުތުރުގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް" މިސުރުހީގެ ދަށުން މީސްމީޑިޔާގައި ހިއްސާ ކުރެއްވި ލިޔުމެއްގަ އެވެ.
މިލިޔުމުގައި އަމީން ވިދާޅުވެފައި ވަނީ، އުތުރުގެ ތަރައްޤީ އާއި ހަނިމާދޫ އެއާރޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާރޕޯޓް އޮޕަރޭޝަން އޮތީ ގުޅިފައިކަމަށެވެ.
މިސަރަހައްދުގައި ތަރައްޤީކުރުމަށް ތައްޔާރުވަމުން އަންނަ ބޮޑު ޒަމާނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ހެދުމުގެ އިދާރީ މާލީ އަދި ޕްރޮޖެކްޓްގެ މަސައްކަތަކީ އަދި އެތައްދުވަހެއްނަގާނެ މަޝްރޫޢު އެއްކަމަށް ވިދާޅުވިއެވެ.
“އެހެންވުމާއި އެކު ތިލަދުންމަތީގެ އިޤްތިސާދު ހިންގާލުމަށް ޓަކައި ސަރުކާރުން މިހާރު އެންމެ ފަސޭހައިން ކޮށްދެވޭނެ ކަމަކީ މިހާރުގެ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުގެ ޓާމިނަލް 500 ވަރަކަށް ޕަސެންޖަރުން އައިސް ގޮސްވެ އުޅެލެވޭ ވަރަށް ބޮޑުކޮށްދީ އެއާރޕޯޓަށް ބޭނުންވާ ފެސިލިޓީތައް ބަހައްޓާދެއްވުމެވެ. އަދި މަތިންދާ ބޯއްޓުގެ ފިއުލް ލިބެން ހުންނާނެ ގޮތްވެސް މިކަމާއި އެކުގައި ހަމަޖައްސަވައި ދެއްވުމެވެ. އިންޑިޔާގެ ސްޕައިސްޖެޓްގެ 72 ޕަސެންޖަރުންގެ ފްލައިޓްތަކާއި ރާއްޖޭގެ އެވަރުގެ ފްލައިޓްތައް އިންޑިޔާ ސްރީލަންކާ އަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓުން ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމެވެ.”
އަމީންގެ މި ލިޔުމުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ތިލަދުންމަތި ދެކުނަކީ އަދިވެސް ރިސޯޓެއް އޮތް އަތޮޅެއް ނޫންކަމަށާއި މިއަތޮޅުގެ ރަށްރަށަށް ގެސްޓްހައުސް ޓުއަރިޒަމް އައުމަކީ މިއަތޮޅާއި ތިލަދުންމަތި އުތުރުގެ ރައްޔިތުންނަށާއި ދަޢުލަތަށް ތަނަވަސްކަން އިތުރުވެގެންދާނެ ސިނާއަތެއް ޤާއިމް ކުރެވުނީ ކަމަށް ދެކޭކަމަށް ވިދާޅުވި އެވެ.
މި ސިނާއަތް ތަރައްޤީ ކުރުމަށް މާލެ ކައިރީގެ ރަށްރަށުގެ ގެސްޓުހައުސްތައް ތަރައްޤީކުރުމަށް ލޯނުގެ އެހީތެރިކަން ބޭންކުތަކުން ދެއްވާ އުސޫލުން މިސަރަހައްދުގެ ޓުއަރިޒަމް ތަރައްޤީ ކުރަން ބޭންކުގެ ލޯން އެހީ ލިބޭނެ އިންތިޒާމް ކޮށްދެއްވުމަކީ މި ތިލަދުންމަތީގެ ރައްޔިތުންނަށާއި ދައުލަތައް މަންފާ ކުރާނެ ކަމެއް ކަމުގައި ދެކޭކަމަށްވެސް ވިދާޅުވި އެވެ.
“މިއާއި އެކު ގެސްޓް ހައުސްތައް ފުރި ހޯމްސްޓޭގެ ޑިމާންޑް ބޮޑުވެގެންދާނެއެވެ. އުތުރުގެ ރަށްތަކަކީ ލޯކަލް ލައިފްސްޓައިލް ފެންނަން އޮތް ގުދުރަތީ ރީތި ރަށްތަކެކެވެ. އިންޑިޔާގެ ފަތުރުވެރިންނަށް ދިވެހި ކެއުންތަކަކީ ފަސޭހައިން ކާލެވޭނެ ކެއުންތަކެވެ. ރަށްރަށުގައި ޒުވާނުން ވޯޓަރ ސްޕޯޓްސް އާއި ޑައިވް ސެންޓަރ ތައް ހުޅުވާ ސަރަހައްދައް ކުރިއެރުންތައް ލަސްތަކެއް ނުވެ އަންނާނެއެވެ. “
އަމީން ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުޙައްމަދު ސާލިޚްގެ ޒަޢާމަތުގައި އެއާރޕޯޓް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތައް އިޚްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވާކަމަށް ވިދާޅުވިއެވެ.
މިމޭރުމުން އަމީން ވިދާޅުވެފައިވާއިރު މިދިޔަ މަހުގެ 19 ވަނަ ދުވަހު އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ހދ. އަށް ޓުއަރިޒަމް ނައިސްގެން އުޅޭ އަސްލު ސަބަބަކީ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާ ނުވެ އޮތުން ކަމަށާއި ފަތުރުވެރިންނަށް މޯލްޑިވިއަނުން ވިއްކަމުން އަންނަ ޓިކެޓުގެ އަގު އިންތިހާއަށް ބޮޑުކޮށްފައި އޮތުން ކަމަށެވެ.
ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތްކަމަށް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!