ޑައިވިންއަށް ގޮސް އުޅެނިކޮށް އިއްޔެ ގެއްލިފައިވާ ފުވައްމުލަކު ސިޓީގެ މުޙައްމަދު ސައީދު (ސައިއްޓޭ) ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން 55 ސްކްއާ ނޯޓިކަލް މެއިލްސްގެ ސަރަހައްދެއް ބެލިއްޖެ އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ސައީދު ގެއްލުނީ މަހުމޫދު ފާއިޒު ދެ މީހުން ފަން ޑައިވިންއަކަށް ގޮސް އުޅުމުގެ ތެރޭގައި އިއްޔެ މެންދުރު ފަހުއެވެ. އެ ދެ މީހުން ޑައިވިންއަށް ފޭބީ މެންދުރު 14:30 ހާއިރުއެވެ. ސައީދު ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ 15:36 ހާއިރު އެވެ.
އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުން ވަނީ ސައީދު ހޯދުމުގެ މަސައްކަތް ފަށާފައިއެވެ. އެމްއެންޑީއެފްގެ އިތުރުން އެ މައްސައްކަތުގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ފުލުހުންނާއި އަދި ފުވައްމުލައް ސިޓީގެ ޑައިވް ސެންޓަރުތަކުން ދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
ސައީދު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން: ފުވައްމުލައް ސިޓީ ކައުންސިލް
މިއަދު އެމްއެންޑީއެފުން ވިދާޅުވީ ސައީދު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ދެ ހާބާ ކްރާފްޓް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ވައިގެ މަގުން ބެލުމަށްޓަކައި ޑޯނިއާ ފްލައިޓެއް އެ ސައިޓަށް ދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.
މިހާދިސާގައި ސައީދު ގެއްލިފައިވާއިރު، އޭނާއާއެކު ޑައިވިންގ އަށް ދިޔަ މަހުމޫދު ވަނީ އިތުރު ފަރުވާއަށް ދ. އަތޮޅުގައި އޮންނަ ކަނޑިންމަ މޯލްޑިވްސް ރިޒޯޓުގެ ޗެމްބަރަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!