ޑައިވިންއަށް ގޮސް އުޅެނިކޮށް މިއަދު ގެއްލިފައިވާ ފުވައްމުލަކު ސިޓީގެ ނީމޯ (ނޫވިލު) މުޙައްމަދު ސައީދު ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރައްވަމުންދާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ސައީދު (ރައްޓެހިންގެ ކިޔާ ނަމުންނަމަ ސައިއްޓޭ) ގެއްލުނު ހިތާމަވެރި ހާދިސާއާއި ގުޅިގެން ފުވައްލުމައް ސިޓީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ސައީދު އާއި
އެ ސިޓީގެ ޑޭޒީވިލާ، މަހުމޫދު ފާއިޒު ފަން ޑައިވިންއަކަށް ގޮސް އުޅުމުގެ ތެރޭގައި ވީނުވީއެއް ނޭގި ސައީދު ގެއްލިފައިވާ ކަމަށެވެ.
މިހާތަނަށް އެ ކައުންސިލަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިހާދިސާ ދިމާވާން މެދުވެރިވި ސީދާ ސަބަބު އަދި އެނގިފައި ނުވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މިހާދިސާގައި ސައީދު ގެއްލިފައިވާއިރު، އޭނާއާއެކު ޑައިވިން އަށް ދިޔަ މަހުމޫދު ވަނީ އިތުރު ފަރުވާއަށް ދ. އަތޮޅުގައި އޮންނަ ކަނޑިންމަ މޯލްޑިވްސް ރިޒޯޓުގެ ޗެމްބަރަށް ފޮނުވިފައިވާ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
''މިއަދު މިސިޓީގައި ދިމާވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ގެއްލިފައިވާ މުޙައްމަދު ސައީދު ހޯދުމުގެ މަސައްކަތް މި ކައުންސިލާއި، އެމް.އެން.ޑީ.އެފް އަދި ޕޮލިސްގެ އިތުރުން މިސިޓީގެ ޑައިވް ސެންޓަރުތަކުން މިދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ." ފުވައްމުލައް ސިޓީ ކައުންސިލުން ވިދާޅުވެފައި ވެއެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވެފައި ވަނީ ފުވައްމުލައް ސިޓީ ނެރު ކައިރިއަށް ޑައިވިނަށް ފޭބި މީހެއް (ސައީދު)ގެ ޚަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް އެ އިދާރާގެ ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ފުވައްމުލަކު "ޓައިގާ ޝާކް" ޑައިވިންގ ޕޮއިންޓަށް ޑައިވިނަށް ފޭބި ސައީދު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދުގެ 15:36 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވާފައި ވެއެވެ.
މި ޙާދިސާގައި ގެއްލިގެން ހޯދަމުންދާ ސައީދު ޑައިވިނަށް ފޭބީ މިއަދު 14:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއްކަމަށް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
ސައީދުއާއި ބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުން ބަލައިދިނުމަށާއި، އަދި އޭނާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައިދެއްވުން އެމްއެންޑީއެފުން ވަނީ އެދިލައްވާފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!