އެމްޑީޕީ އެހެން ލެވެލް އަކަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާއިރު އެ ތަޖުރިބާއާއި، އެ ހުނަރާއި، ހިންގުންތެރިކަން ހުރި ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު ޢަބުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި އަޙްމަދު ވިދާޅުވީ، ފަޔާއަށް ތާއީދު ކުރަން ނިންމެވީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ.

Ad
rt

ބެއްލެވީ ކުރަން މިއުޅެނީ ކޮންކަމެއްތޯ ކަމަށާއި، ޕާޓީއަށް މިވަގުތު ބޭނުންވެފައި އޮތީ ކިހިނެތް ޕާޓީގެ ކަންކަން ކުރިއަށް ދާންތޯ ކަމަށެވެ. އެހެންކަމުން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނާމެދު ދެން ވިސްނާލެއްވި ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަންގެ މަޤާމުގައި މިވަގުތު ހުންނެވި އަޙްމަދު ވިދާޅުވިއެވެ.

"ކުރިމަތިލައިގެން އެއްފަރާތުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެެއް، އަނެއް ފަރާތުން ހުންނެވީ ވަޒީރެއް، އެއީ ފަޔާ، ދެން މި ޕާޓީއަށް ކުރިއަށް އޮތް މުސްތަޤްބަލަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ހުނަރާއި، ޤާބިލުކަމާއި، އެމީހެއްގެ ނަތީޖާ ނެރެވިފައިހުރި މިންވަރާއި، މިހުރިހާ އެއްޗަކާ އަޅާބަލައި ވަޒަންކޮށްލުމުން އަޅުގަނޑަށް ފެނުނީ ފައްޔާޒު އިސްމާޢީލް ޙަޤީޤަތުގައި ވެސް މާ ބޮޑުތަނުން މި ޕާޓީ ހިންގާލުމުގެ މަސައްކަތަށް ރަނގަޅުކަމަށް" އަޙްމަދު ވިދާޅުވިއެވެ.

"ސަބަބެއްކަމަށްވީ މިހާރު ދައުލަތުގެ ވަޒީރަކަށް ވެސް ވެ ހުރެ، އަދި މިއަދު މިދިޔަ ދަތިހާލުގައި ރާއްޖެ މިދިޔަ ކޯވިޑު ހާލަތުގައި އަދި އެހެންވެސް މިދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖެ މިދުއް ދަތި ދުވަސްތަކުން އަރައިގަތުމަށްޓަކައި ރައީސުލްޖުމްޙޫރިއްޔާއާއި އެއްކޮށް އެ ޓީމުގައި، އެއްމެ ބުރަކޮށް، އެންމެ ހީވާގިކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅެއް އެއީ،" އަޙްމަދު އިތުރަށް ވިދާޅުވެފައި ވެއެވެ.

އަޙްމަދު ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުންނަށް ބަލައިލި ނަމަވެސް މިނިސްޓަރު ފަޔާ ފެންނަނީ ވަރަށް ހަރަކާތްތެރިކޮށް ކަމަށެވެ. އަދި އެއީ މިހާލަތުގައި ވަރަށް ބޮޑަށް ނަތީޖާތަކެއް ނެރެދެއްވާފައި ހުންނެވި ވަޒީރެއް ކަމަށް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑަށް ޤަބޫލުކުރެވުނީ މި ޕާޓީ އަޅުގަނޑުމެން މިއުޅެނީ އަނެއް ލެވެލްއަށް ގެންދާށޭ، އަނެއް ލެވެލްއަށް ގެންދިޔުމަށްޓަކައި އެ ތަޖުރިބާއާއި، އެ ހުނަރާއި، އެ ހިންގުންތެރިކަން ހުރި ކެންޑީޑޭޓަކީ ފަޔާއޭ،" އަޙްމަދު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ނިންމީ އެކަން ކުރެވޭނެ މިހަކީ ފަޔާއަށް ވާތީ އަޅުގަނޑާއި އަދި އަޅުގަނޑާއެއްކޮށް މަސައްކަތްކުރަން ތިބި ޓީމުވެސް އަދި ދަންނަ ރައްޓެހިންނަށް ވެސް އަޅުގަނޑުގެ އިޝާރާތަކަށް ވާނީ ފަޔާއަށް ވޯޓު ދެއްވުމޭ، އެހެންވީމަ އެއީ އަޅުގަނޑު މިނިންމުން ނިންމި ސަބަބު،" އަޙްމަދު ވިދާޅުވިއެވެ.

މެންބަރު އަޙްމަދު ވިދާޅުވީ، ތަފާތު ވަރަށް ބޮޑު ކަމަށެވެ. އަދި އެ ތަފާތު ބޮޑުވުމުން މިފަހަރު ޗެއާޕާސަންކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ތެރެއިން އެމްޑީޕީއަށް ނަތީޖާ ނެރެވޭނީ ފަޔާއަށް ކަމަށް ވިދާޅުވިއެވެ. ފަޔާއަށް ތާއީދު ކުރަން ނިންމި ސަބަބަކީ ވެސް އެއީ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި، ބޮޑުތިލަދުންމަތީގެ އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ މަޖިލިސް މެންބަރުންގެ ތާއީދުކުރާކަން ހާމަކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފަޔާ އަށެވެ.