މަސައްކަތްތެރިންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

މިއަދުގެ ޚިޠާބުގައި ރައީސް ވިދާޅުވީ، ޤައުމެއްގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މައި އިންޖީނަކީ، އެ ޤައުމެއްގެ ހީވާގި މަސައްކަތްތެރިންކަން ކަމަށެވެ. އަދި ދިރިއުޅުމުގެ ފުރާގު ކަށަވަރުކުރުމަށްޓަކައި މަސައްކަތެއް ކުރާ ކޮންމެ މީހެއް، އަދި ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކުމެ، އެ އަދާކުރަނީ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ދައުރެއް ކަމަށް ވިދާޅުވިއެވެ.

ޤައުމަށް ދިމާވާ ދަތި އުނދަގޫ ކޮންމެ ޙާލަތެއްގައިވެސް، އެ ޤައުމެއް ދިރި ދެމިއޮންނަނީ، އެ ޤައުމެއްގެ މަސައްކަތްތެރިންގެ ހިތްވަރާއި ބުރަ މަސައްކަތުންކަން ކަމަށާއި، އެހެންކަމުން މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކުރެވޭ ވަރަށް އަގުހުރި އިންވެސްޓެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު، މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަމަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ކޮންމެ މަސައްކަތްތެރިއަކަށް ވެސް، އެމީހަކު އެ ކުރާ މަސައްކަތުގެ ޙައްޤު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުން ކަމަށް ވިދާޅުވިއެވެ.

މަސައްކަތް ކުރުވުމަށްފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް، އަދިވެސް މި މުޖުތަމަޢުގެ ތެރޭގައި އެބަހުރި ކަމަށާއި، މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ޚިލާފު ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"މިފަދަ ކަންކަން އިޞްލާޙުކޮށް، މަސައްކަތްތެރިންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން މިއަންނަނީ ކުރަމުން، އެ ގޮތުން، މިދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ޤާނޫނީގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފެށުން، ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ޚިދުމަތްތަކުން، މުވައްޒަފުންނަށް ސަރވިސް ޗާޖް ދިނުންވެސް، މިހާރުވަނީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކުރެވިފައި،" ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި، މުޅި ދުނިޔެ ތަޙައްމަލްކުރި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިން ކަމަށެވެ. އެހެން ނަމަވެސް، މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަމަށާއި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިއަދު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.