މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެ ކުންފުނިން ނެރުނު ކުއާޓާ ރިޕޯޓް ދައްކާ ގޮތުގައި އެ ކުންފުނީގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު 23 އިންސައްތަ އިތުރުވެފައެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އިތުރުވުމުން އައި ބަދަލެއް ކަމަށް ލަފާ ކުރެވެއެވެ.

Ad
rt

އެސްޓީއޯ އިން ބުނީ، ވިއްކި ތެލުގެ އަދަދު އިތުރުވުމުގެ އިތުރުން އެ ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ވެސް ކުރިއަރައިފައިވާ ކަމަށެެވެ. އަދި އެ ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް މިދިޔަ ކުއާޓަރުގައި އިތުރުވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

އާމްދަނީ އިތުރުވުމާ އެކު ޖުމުލަ ފައިދާވެސް ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު 71.6 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި 397 މިލިއަން ރުފިޔާ ލިބުނު އިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނު އަދަދު ވަނީ 469 މިލިއަން ރުފިޔާއަށް އަރައިފައެވެ.

ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ 150 މިލިއަން ރުފިޔާ އެވެ. އެއީ 14 އިންސައްތަގެ އިތުރުވުމެކެވެ.

ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ދައްކާ ގޮތުން، އެސްޓީއޯގެ ހިންގުމުގެ ހަރަދު 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލައި އިރު، ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެފައެވެ.