އަންނަ ފިޠުރު ޢީދު ބަންދު ދުވަސްތަކުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ އޯޕީޑީގެ ޚިދުމަތް ދޭނެ ދުވަސްތައް އެ ހޮސްޕިޓަލުން އާންމުކޮށްފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ޢީދު ބަންދާއި ގުޅިގެން އޯޕީޑީ ބަންދު ދުވަސްތަކެއް ހަމަޖެއްސި ނަމަވެސް އިމަޖަންސީ ހާލަތުގައި ކޮންމެ ދުވަހެއްގައި ވެސް ފަރުވާ ދެވޭނެ ކަމަށެވެ.

Ad
rt

ޢީދު ބަންދާއި ގުޅިގެން އެ ހޮސްޕިޓަލްގެ އޯޕީޑީ އަދި ކްލިކަލް ސާވިސް ބަންދު ދުވަސްތައް ގޮތުގައި ހަމަޖައްސާފައި ވަނީ، މެއި 1 ވަނަ ދުވަހާއި، 2 ވަނަ ދުވަސް، 3 ވަނަ ދުވަސް އަދި 5، 6 ވަނަ ދުވަހެވެ.

އޯޕީޑީ އަދި ކްލިކަލް ސާވިސް ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ދުވަސް ތަކަކީ، މެއި މަހުގެ 4 ވަނަ ދުވަހާއި 7 އެވެ.

މި އަހަރުގެ ފިޠުރު ޢީދު ދުވަސް ވާނީ އަންނަ ހޯމަ ދުވަހަށް ކަމަށް ދިވެހި ކަލަންޑަރު ބުނެފައިވާއިރު، މެއި 1 ވަނަ ދުވަހަކީ މަސައްކަތްތެރީންގެ ދުވަސް ކަމުން އެ ދުވަސް ވެސް ބަންދުވާނެއެވެ. އަދި މެއި 5 ވަނަ ދުވަހަކީ ރައީސުލްޖުމްޙޫރިއްޔާ ބަންދު ދުވަހެއްކަމުގައި މިހާރު ހަމަޖައްސަވާފައި ވާތީ އެދުވަސް ވެސް ބަންދުވާނެއެވެ. އެހެންކަމުން މި ބަންދަށް ފަހު ސަރުކާރު ދެން ހުޅުވޭނީ މެއި މަހުގެ 8 ވަނަ ދުވަހުއެވެ.

އުތުރުގެ މައި ހޮސްޕިޓަލު ކަމުގައިވާ ކޭއާރުއެޗް 40 އަހަރުގެ އަގުހުރި ޚިދުމަތް މި އަހަރު ފާހަގަކޮށްފައިވާއިރު، އެ ހޮސްޕިޓަލަކީ މާލޭގެ ހޮސްޕިޓަލްތައް ފިޔަވާ އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ ހޮސްޕިޓަލެވެ.