ދިވެހި ރާއްޖޭގައި ޓީޓީ ކުޅިވަރު ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިއަދު ވަނީ "ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022"ގައި ބައިވެރިވާ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން އަދި ފިރިހެން ޓީމާއި ބައްދަލުކުރައްވާފައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓީޓީ ޓީމާއި ފިރިހެން ޓީމަށް މަރުޙަބާ ވިދާޅުވެ މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.
މިއަދުގެ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ޞާލިޙް ވަނީ ޓީޓީ އަކީ ރާއްޖޭގައި އިތުރަށް ކުރިއެރުވިދާނެ ކުޅިވަރެއްކަން ފާހަގަކުރައްވައިފައެވެ. އަދި ރައީސް ޞާލިޙް ވަނީ ރާއްޖޭގައި ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީޓީ ޓީމުގެ ޖާޒީއެއް ވަނީ ރައީސަށް ވެދުމަށް އަރުވާފައެވެ.
މި ޓީޓީ މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9 އިން 12 އަށް ރާއްޖޭގައެވެ. މުބާރާތުގައި ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!