ކަސްޓަމަށް 68 އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކޮށްފި އެވެ.

ކަސްޓަމްސް އިން އެސިސްޓެންޓް އޮފިސަރުން ހޯދަން އިއުލާންކުރީ މިޔަދު އެވެ. އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯވެލް އިމްތިހާނު މަދުވެގެން ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައިވުމެވެ.

Ad
rt

އެ މަގާމުގެ މުސާރައަކީ މަހަކު 5،000 ރުފިޔާ އެވެ. މީގެ އިތުރުން ނޮން ޕްރެކްޓިސިން އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 ޕަސެންޓް (1,750 ރުފިޔާ) އަދި ސާވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ އާއި ކޮއްތު ފައިސާގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 60 ރުފިޔާ އަދި ކަސްޓަމްސްގެ ގާނޫނާއި ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ފައިސާއާއި އެހެނިހެން އިނާޔަތްތައް ވެސް ލިބެ އެވެ.

އެ މަގާމަށް ހޮވާ މީހުން ވަޒީފާ އަދާކުރަން ޖެހެނީ މާލެ އޭރިޔާގައި ޤާއިމުކޮށްފައިވާ ކަސްޓަމްސް އޮފީސްތަކުގަ އެވެ.

ވަޒީފާއަށްއެދި ހުށައަޅަންޖެހޭ ސުންގަޑި އަކީ އަންނަ މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

2020 ވަނަ އަހަރުގެ ޑިސެމްބަރ މަހު ކަސްޓަމަށް 34 އެސިސްޓެންޓް އޮފިސަރުން ހޯދުމަށް އިއުލާންކުރުމުން 1،641 މީހުން ކުރިމަތިލާފައިވެ އެވެ.

ކަސްޓަމްސް އިން އެފަހަރު ބުނީ އެސިސްޓެންޓް އޮފިސަރުކަމަށް ކުރިމަތިލި މީހުންގެ ތެރެއިން ވަޒީފާއަށް ޝަރުތު ހަމަވަނީ 1،195 މީހުން ކަމަށެވެ. އެ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވުނު މީހުންގެ ނަންތައް ވެބްސައިޓްގައި ޝާއިރުކުރިއެވެ.