ކާމިޔާބު ނެޓްވޯކިން ސެޝަންތަކާއި، ގިނަ ބައްދަލުވުންތަކަކާއެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އާއި އިންޑަސްޓްރީ ޕާޓްނަރުން ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ހަރަކާތް ނިންމާލިއިރު 1,500 އަށްވުރެ ގިނަ މީހުން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވާކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.
މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހާ ހަމައަށް ބްރެޒިލްގެ ސައު ޕައުލޯގައި ކުރިއަށްދިޔަ މިފެއާއަކީ ލެޓިން އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދުނިޔޭގެ ފަތުރުވެރިކަމާ ގުޅުން ހުރި އެކި ހިދުމަތްތައްދޭ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި، ޕްރޮފެޝަނަލް ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، މަޝްވަރާކޮށް، ޕާޓްނަރޝިޕް ޤާޢިމްކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ. 40 ޤައުމަކުން 565 އަށްވުރެ ގިނަ އެގްޒިބިޓަރުން މިއަހަރުގެ ފެއާގައި ބައިވެރިވިއެވެ.
އެމްއެމްޕީއާރުސީއާއެކު މި ހަރަކާތުގައި މިއަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 11 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވިއެވެ.
އެއީ ކުޑަ ވިލިނގިލި ރިޒޯޓް މޯލްޑިވްސް، ރިޒޯޓް ލައިފް ޓްރެވަލް، ޕަޓީނާ މޯލްޑިވްސް، ސަން ސިޔާމް ރިޒޯޓްސް، ޓްރެވަލް ކަނެކްޝަން މޯލްޑިވްސް، އިންޓުއަރ މޯލްޑިވްސް، ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓް އެންޑް ސްޕާ، ރެއޯލޯ ޓްރެވަލް، ލިލީ ހޮޓެލްސް، ކޮންސްޓަންސް މޫފުށި ރިޒޯޓް މޯލްޑިވްސް އަދި ލެޓްސް ގޯ މޯލްޑިވްސް އެވެ.
މިފެއާގައި ރާއްޖޭގެ ސްޓޭންޑަށް ވަނީ 1500 ފަރާތުން ޒިޔާރަތްކޮށް ރާއްޖެއާ ބެހޭ މައުލޫމާތު ހޯދާފައެވެ. އަދި ރާއްޖެއިން ބައިވެރިވި ފަރާތްތަކާއި ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެމެދު ވަނީ 25 ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މުޅި ފެއާއަށް ބަލާނަމަ ފެއާގެ ފުރަތަމަ ދެ ދުވަހު 10،725 ފަރާތުން މި ފެއާއަށް ޒިޔާރަތްކޮށްފައިވާކަމަށް އިންތިޒާމްކުރި ފަރާތުން ބުނެފައިވެއެވެ. މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 7.8 % އިތުރުވުމެކެވެ.
އެމްއެމްޕީއާރުސީން ބުނީ، މިފެއާގައި ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި އަޕްޑޭޓްތައް ދުނިޔޭގެ އެންމެ މުހިންމު އެއް ޓްރެވަލް ޓްރޭޑް ޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކާ ހިއްސާކުރުންކަމަށެވެ. އަދި ރާއްޖެއަކީ ލެޓިން އެމެރިކާ ޤައުމުތަކުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ރާއްޖެއަކީ ޤުދުރަތީ ގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޤައުމެއްކަމުން، މިއީ ދަތުރުވެރިން ބޭނުންވާ ގައިދުރުކަން ދަމަހައްޓަން ފަސޭހަ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓު، ހޮޓެލް، ގެސްޓްހައުސް، އަދި ލިވަބޯޑުތަކުގައި އަޅާފައިވާ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، މި ތަންތަނުން ލިބޭ ތަފާތު ތަޖުރިބާތައް މި ހަރަކާތުގެ ތެރެއިން މާކެޓްކުރިއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް މިހަރަކާތުގެ ޒަރިއްޔާއިން ލެޓިން އެމެރިކާ، ހާއްސަކޮށް ބްރެޒިލްގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރިއެވެ. ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ހަރަކާތުގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ހާއްސަ ގުރުއަތެއް ނަގާ، ނަސީބުވެރި އެއް ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ދީފައިވެއެވެ. މި ފުރުސަތު ސްޕޮންސާކޮށްފައިވަނީ ކޮންސްޓަންސް މޫފުށި ރިޒޯޓް މޯލްޑިވްސްއިންނެވެ.
މިއީ އެމްއެމްޕީއާރުސީއިން ލެޓިން އެމެރިކާ، ހާއްސަކޮށް ބްރެޒިލް މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން ބައިވެރިވި ހަރަކާތެކެވެ. މި ސްޓްރެޓަޖީގެ ބޭނުމަކީ މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަޤްސަދުގައި ސޯޝަލް އާއި ޑިޖިޓަލް މީޑިއާ ކެމްޕެއިންތައް ހިންގާ، މި މާކެޓްގައި ބާއްވާ ފަތުރުވެރިކަމުގެ ބޮޑު، ކުޑަ ފެއަރތަކާއި އެގްޒިބިޝަންތަކުގައި ރާއްޖެ އިޝްތިހާރުކުރުމެވެ. ލެޓިން އެމެރިކާގެ ބްރެޒިލް ފަދަ ޤައުމުތަކަކީ ރާއްޖެއަށް މުހިންމު މާކެޓްތަކެކެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ބްރެޒިލުންވަނީ ދިވެހިރާއްޖެއަށް 4،130 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިމާކެޓުތަކުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ އިތުރުކުރުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން މިއަހަރު ކުރިޔަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕެއިންތަކާއި، ވެބިނާތަކާއި، އިންފްލުއެންސަރ އަދި މީޑިއާ ފެމިލިއަރައިޒޭޝަން ދަތުރުތައް ހިމެނެއެވެ. މި ހަރަކާތްތަކަކީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާ އެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލައިފައިވާ ޝޯޓް-ޓާރމް ސްޓްރެޓަޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނޭ ހަަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!