މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ޓީވީ ޗެނަލްތައް ހިންގާ ޒީ ނެޓްވޯކް އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން މަސައްކަތް ފަށައިފިއެވެ.

އެއް މަސްދުވެހުގެ މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އިޝްތިހާރު, މެދުއިރުމައްޗަށް ހާއްސަކޮށް ޒީ ނެޓްވޯކްއިން ހިންގާ ޒީ އަލްވާން އަދި ޒީ އަފްލާމް ޗެނަލްތަކުގައި 30 ދުވަސް ވަންދެން ދައްކާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

Ad
rt

15 ސިކުންތުގެ މި އިޝްތިހާރުތަކުގެ ޒަރިއްޔާއިން ރާއްޖެއަކީ މެދުއިރުމަތީ މާކެޓްގެ ޤައުމުތަކުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލުގެ ގޮތުގައި އިޝްތިހާރުކުރެވޭނެކަމަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތައް އިޝްތިހާރުކުރެވޭނެކަމަށް ބުންޏެވެ.

”މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ލަގްޒަރީ، ރޮމާންޓިކް، ހަނީމޫން، ފެމިލީ އަދި އެޑްވެންޗާ ސެގްމެންޓުވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރާނެ. މި ކެމްޕެއިންގެ މަޤްސަދަކީ ޒީ ނެޓްވޯކްގެ މި ދެ ޗެނަލް މެދުވެރިކޮށް މެދުއުރުމަތީ މާކެޓުގައި ރާއްޖޭގެ ބްރޭންޑަށް އޮންނަ ސަމާލުކަން އިތުރުކޮށް، މަންޒިލް އިތުރަށް އިޝްތިހާރު ކުރުން”

އެމްއެމްޕީއާރުސީން ބުނެއެވެ.

ޒީ ނެޓްވޯކް އަކީ މެދުއިރުމަތީގެ ޤައުމުތަކުގައި މަޤުބޫލު ޗެނަލްތައް ހިންގާ ނެޓްވޯކެކެވެ. ޒީ ނެޓްވޯކްގެ ޗެނަލްތަކަކީ މެދުއިރުމަތީގެ މާކެޓުގެ އާންމުންނާއި، އަރަބި އަދި ދެކުނު އޭޝިއާގެ އޯޑިއަންސްތައް ގިނައިން ބަލާ ޗެނަލްތަކެކެވެ. ޒީ އަލްވާން އަކީ އާންމު މުނިފޫހިފިލުވުމުގެ އެކި ޕްރޮގްރާމްތައް އަރަބި، މެދުއިރުމަތި އަދި އުތުރު އެފްރިކާގެ އޯޑިއަންސްތަކަށް ގެނެސްދޭ ޗެނަލެކެވެ. ޒީ އަފްލަމް އަކީ ބޮލީވުޑް ފިލްމްތައް ގެނެސްދިނުމުގައި އަރަބިބަހުން ވާހަކަދައްކާ އޯޑިއަންސްތަކުގެ މެދުގައި މަޤުބޫލު ޗެނަލެކެވެ. ބޮލީވުޑްގެ އިތުރުން ޒީ އަފްލާމް އަކީ އަރަބި ބަހުން ޑަބްކޮށް، ތުރުކީ ފިލްމްތައް ގެނެސްދޭ ޗެނަލެއްވެސްމެއެވެ. އެމްއެމްޕީއާރުސީ އާއި ޒީ ނެޓްވޯކް ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން ޒީ އަލްވާންގެ ފަސް ޕްރޮގްރާމެއްގެ ތެރެއިން އަދި ޒީ އަފްލާމްގެ 6 ޕްރޮގްރާމެއްގެ ތެރެއިން ރާއްޖޭގެ އިޝްތިހާރުތައް ދައްކާނެއެވެ.

މި ކެމްޕެއިން ކުރިއަށް މި ގެންދަނީ އެމްއެމްޕީއާރުސީއިން މެދުއިރުމައްޗަށް ހާއްސަކޮށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ މި މާކެޓުގައި ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކޮށް، ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ބޭނުންވާ މަންޒިލްގެ ގޮތުގައި ޤާއިމްކުރުމަށެވެ. މި ސްޓްރެޓަޖީގެ މަޤްސަދަކީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ހައިސިއްޔަތުން ރާއްޖޭގެ ތަފާތުކަން ޕްރޮމޯޓުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ގެސްޓްހައުސް، ހޮޓެލްސް އަދި ލިވަބޯޑުތަކާއި، ތަފާތު ތަޖުރިބާތައް އިޝްތިހާރުކުމެވެ.

މިދިޔަ އަހަރު 91,413 ފަތުރުވެރިން ވަނީ މެދުއިރުމަތީ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ސައުދީ އަރަބިޔާ އަކީ މިދިޔަ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ. މި އަހަރު ޖަނަވަރީ މަހާ ހަމައަށް 19,022 ފަތުރުވެރިންވަނީ މެދުއިރުމަތީގެ މާކެޓުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދިވެހިރާއްޖޭގެ ރީތި ނަން މި މާކެޓުގާ ދަމަހައްޓާ، ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްވެސް ރާވާފައިވެއެވެ. މީގެ ތެރޭގަ ޖޮއިންޓް މާކެޓިންގް ކެމްޕެއިންތަކާއި, ވެބިނާތަކާއި, ފެމިލިއަރައިޒޭޝަން ދަތުރުތަކާއި, ރޯޑްޝޯތަކުގެ އިތުރުން ބޮޑެތި ފެއާރތަކުގާ ބައިވެރިވުންހިމެނެއެވެ.