އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ. އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން، އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މިއަދު ދެއްވައިފިއެވެ.

އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމާއިގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ، ނައިބު ރައީސް ފައިޞަލް ވަނީ އ.ދ. ގެ އެކި އެޖެންސީތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން، އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ވަކިން ޚާއްޞަކޮށް ކޯވިޑް-19 ގެ ތެރޭގައި އިޖްތިމާޢީގޮތުން ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި މި ދެ ބޭފުޅުން ވަނީ، ކޯވިޑް-19 ގެ ފަހުން ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އިތުރުވަމުންދާތީ އެކަމާއި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ގޮތުންނާއި، މީގެ އިތުރުން ވެސް ރާއްޖޭގެ އިޤްތިޞާދީ ޙާލާތާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ބުނީ، މިއަދުގެ ބައްދަލުކުރެއްވުމުގައި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ވަނީ އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ. އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައި ކަމަށެވެ.

މިގޮތުން، ކާރިސާއެއް ދިމާވުމުން އެކަމުން އަރައިގަނެވޭނެ ފަދަ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމާއި، ހުރިހާ ފަރާތްތަކުން ގުޅިގެން އެއްލަނޑުދަނޑިއަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ އ.ދ. ގެ އެކި އެޖެންސީތަކާ ގުޅިގެން ރާއްޖޭގެ ސަރުކާރުން ދެފަރާތައް ވެސް މުހިންމުކަންކަމުގައި އެކުގައި މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.