ރީޖަނަލް ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމަށް ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ހދ. ކުޅުދުއްފުށި ސިޓީގައި އަޅަން ހަމަޖެހިފައިވާ 100 އެނދުގެ އައު ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ޤައުމީ ޑޮކްޓަރުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ހަފްލާއެއްގައި ވީޑިއޯ މެދުވެރިކުރައްވައި ޑޮކްޓަރުންނަށް ދެއްވި ހާއްސަ މެސެޖެއްގައެވެ.
އިނގިރޭސި ބަހުން ދެއްވި މި މެސެޖުގައި މިނިސްޓަރ ނަސީމް ވިދާޅުވީ އައު ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރުތެރޭގައި ފެށުނުކަމުގައި ވީނަމަވެސް އެ މަސައްކަތް ފުރިހަމަކުރުމަށް މަދުވެގެން 2 އަހަރުދުވަސް ނަގާނެތީ، ކްލިނިކަލް ކެއަރ އަދި ޕްރައިމަރީ ކެއަރގެ ޚިދުމަތްތައް އަޕްގްރޭޑްކުރުމަށް މިހާރު ވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިންގާ ޕްރޮޖެކްޓްތައް ކުރިއަށްދާނެ ކަމަށެވެ.

ދިވެހި ސްޕެޝަލިސްޓުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅުނު ހިސާބުން، އެ ހޮސްޕިޓަލުން ދެވޭ ސިއްހީ ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެފައިވާކަން ފާހަގަކުރައްވައި، އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ކުރަންވަމުން ގެންދަވާ ބުރަ މަސައްކަތަށް އެމަނިކުފާނުވަނީ ޝުކުރު ދަންނަވާފައެވެ.
މީގެ އިތުރުން ހަމަ މި ހަފްލާގައި މިނިސްޓްރީ އޮފް ހެލްތުގެ ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް، އަލްއުސްތާޛާ ތަސްލީމާ އުސްމާނު ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖުގައި ވިދާޅުވީ، ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުންތަކެއް މާލޭގެ ހޮސްޕިޓަލްތަކުގެ ބަދަލުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ފަދަ އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ޚިދުމަތްކުރައްވަން ވަޑައިގެން، އެ ހޮސްޕިޓަލަށް ގެންނަވާފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ.
އެގޮތުން ކުޅުދުއްދުށީ ރީޖަނަލް ހޮސްޕިޓަލުގެ ފިޒީޝަން ޑޮކްޓަރ މުހައްމަދު ނަޒީފު، އެ ހޮސްޕިޓަލުގައި ކްލިނިކަލް ސަރވިސަސް ޑިވިޜަން ޤާއިމުކޮށް ހިދުމަތްތައް ހަރުދަނާކުރުމަށް ކުރެއްވި މަސައްކަތާއި، އެ ހޮސްޕިޓަލަށް 6 އެނދުގެ އައި.ސީ.ޔޫ ސެޓަޕެއް ގެނައުމަށް ކުރެއްވި މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި އެމް.ބީ.ބީ.އެސް ކިޔަވާ ދަރިވަރުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިންޓާންޝިޕް ފުރިހަމަކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އެފެންވަރުގެ މުއައްސަސާއެއްކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލުން އެންޑޯޒްކުރެއްވުމަށް އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރ މުހައްމަދު ފައިސަލް ކުރައްވަމުގެ ގެންދަވާ މަސައްކަތްވެސް ފާހަގަކުރައްވައި، އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަށް ޝުކުރު ދެންނެވިއެވެ.

ޤައުމީ ޑޮކްޓަރުންގެ ދުވަސް ފާހަގަކުރުމަށްޓަކައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން އިންތިޒާމުކޮށްގެން ވަނީ ތަފާތު ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން ޑޮކްޓަރުންގެ މެދުގައި ކުޅުނު ފުޓްސަލް މެޗަކާއި، އާންމުންނަށް ހުޅުވާލައިގެން އެކި ސްޕެޝަލިޓީތަކުގެ ސިއްހީ މައުލޫމާތު ފޯރުކޮށްދިނުމަށް ސިއްހީ ހަވީރެއް ވެސް ވަނީ ބާއްވާފައެވެ.
ޤައުމީ ޑޮކްޓަރުންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ އެންމެ ފުރަތަމަ ދިވެހި ޑޮކްޓަރެއް ރާއްޖެއަށް ޚިދުމަތްކުރަން ފެއްޓި ދުވަސްކަމުގައިވާ އޭޕްރީލް މަހުގެ 18 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!