މިވަގު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ރަނގަޅު ގޮތަކީ "ފެތެމުންދާ" ސަރުކާރާއެކީ ޕާޓީ ނުފެތުންކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހު ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

ބޯމަތިވެފައިވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާއި ގުޅިގެން އެ ޕާޓީ ދެ ފަޅިއަކަށް ބައިވެފައިވާއިރު، އެ އިންތިޚާބުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ.

މި ފޯރީގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭން ޓީމާއި އޭނާގެ ބައެއް ސަޕޯޓަރުން ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި ދޭތެރެ ދޭތެރެއިން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި ވެސް އަންނަނީ ފޯރިގަދަވަމުންނެވެ.

ރައީސް ނަޝީދު މިރޭ އެ ގްރޫޕަށް ފޮނުއްވި މެސެޖުގެ ސްކްރީންޝޮޓެއް ވަނީ މި ނޫހަށް ލިބިފައެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވަނީ މި ސަރުކާރަކީ "ފެތެމުންދާ ސަރުކާރެއް" ގޮތުގައި ސިފަކުރަށްވާފައެވެ.

"މިވަގުތު މި ޕާޓީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ މި ޕާޓީ ނުފެތުން، ސަރުކާރަކީ އެމްޑީޕީ އެކަނި ސަރުކާރު ނޫންކަމުން، އެމްޑީޕީ މެންބަރުން އެދޭ ގޮތް އަދި މިޕާޓީގެ ވައުދުތައް ނުފުއްދޭނީ" ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އެ މަޤާމަށް ވާދަކުރައްވާ އަނެއް ކެންޑިޑޭޓް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލްގެ ސަޕޯޓަރުން ބުނަމުން ދަނީ އެ ޕާޓީއާއި، މެންބަރުންގެ ލާބައަށް ޗެއާޕާސަން މަޤާމަށް ހޮވަންވާނީ ސަރުކާރަށް ތާއީދު ކުރާ ކެންޑިޑޭޓެއް ކަމަށާއި، އެ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކަމަށެވެ.