ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022" ގެ ޗެމްޕިއަންކަން ވައިސޫރި ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު 22 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު ފައިނަލް މެޗު ވައިސޫރި ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިން ޓީމް ލަޔަން ބަލިކޮށްގެންނެވެ.

Ad
rt

ފައިނަލް މެޗު ނިމުމުން ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓޮރޮފީއާއި މެޑަލްގެ އިތުރުން ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ.

މުބާރާތުގެ ބެލުންތެރިންގެ އެންމެ މަޤުބޫލް ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޒީރު ސްޕޯޓްސް ކުލަބުގެ ފާރިސް އަބްދުލް ޤައްޔޫމެވެ. މި ވަނަ ހޮވާފައި ވަނީ ފޭސްބުކްގައި ކުރިއަށް ގެންގޮސްފައިވާ ވޯޓެއް މެދުވެރިކޮށެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިގެ ތެރޭގައި ވައިސޫރީގެ ތިން ކުޅުންތެރިން ވަނީ ހިމެނިފައެވެ. އެއީ އެ ޓީމްގެ އަބޫބަކުރު އިބްރާހީމާއި، އެ ޓީމްގެ ހަސަން ނާޒިމްގެ އިތުރުން އަލީ އަރީފެވެ. ދެން އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައި ވަނީ ލަޔަންގެ ދެ ކުޅުންތެރިންނެވެ. އެއީ އެ ޓީމްގެ އަބްދުﷲ ހަސަންގެ އިތުރުން މަންސޫރު މުޙައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ވައިސޫރީގެ ކޯޗް ޔޫސުފް އަބޫބަކުރު ހޮވުނުއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ދެ ކުޅުންތެރިއަކު ވަނީ ހޮވިފައެވެ. އެއީ ވައިސޫރީގެ އިބްރާހީމް ރަމީޒުގެ އިތުރުން އެ ޓީމްގެ އަބޫބަކުރު އިބްރާހީމެވެ. މުބާރާތުގެ ކިންގަށް ހޮވިފައި ވަނީ ވައިސޫރީގެ އަބޫބަކުރު އިބްރާހީމެވެ.

ކުމުންދޫ ޔޫތު ސްޕޯޓްސްއަކީ 05 ޑިސެމްބަރ 1999 ވަނަ އަހަރު ރަޖިސްޓަރީކޮށް ހިންގަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. އެ ކުލަބުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫގެ ތަޢުލީމީ ހާލަތު ރަނގަޅު ކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރާވާ ހިންގުމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމަށް މަސައްކަތް ކުރުމާއި ކުޅިވަރު އާލާކޮށް ދިރުވުމާއި، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.