ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022" ގެ ފައިނަލުން ޓީމް ވައިސޫރިއާއި ޓީމް ލަޔަން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލުން ވައިސޫރި ޓީމުން ޖާގަ ހޯދާފައި ވަނީ މުބާރާތުގައި އެ ޓީމުން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ލިބުނު ނުވަ ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. މުބާރާތުގެ ފައިނަލުން ލަޔަން ޓީމުން ޖާގަ ހޯދާފައި ވަނީ މުބާރާތުގައި އެ ޓީމް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެ، ލިބުނު ހަތަރު ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
މި މުބާރާތުގައި ބައިވެރި ވެފައި ވަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެއީ ވައިސޫރި، ޒީރު ސްޕޯޓްސް ކުލަބް، ލަޔަންގެ އިތުރުން ޓީމް އޯކިޑެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިން ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ.
ވައިސޫރިއާއި ޓީމް ލަޔަން ބައްދަލުކުރާ، މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 22 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައެވެ.
ކުމުންދޫ ޔޫތު ސްޕޯޓްސްއަކީ 05 ޑިސެމްބަރ 1999 ވަނަ އަހަރު ރަޖިސްޓަރީކޮށް ހިންގަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. އެ ކުލަބުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫގެ ތަޢުލީމީ ހާލަތު ރަނގަޅު ކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރާވާ ހިންގުމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމަށް މަސައްކަތް ކުރުމާއި ކުޅިވަރު އާލާކޮށް ދިރުވުމާއި، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!