އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުޅުދުއްފުށި ސިޓީ ހިމެނޭހެން ހަތް ރަށެއްގައި މަޝްރޫއުތައް ހިންގަން އެ ގައުމުގެ ސަރުކާރާއެކު އެއްބަސްވެއްޖެއެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެ ސޮއިކުރެއްވީ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.
މިއީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން ހިންގާ މަޝްރޫއުތަކެކެވެ. އެ ސްކީމްގެ ދަށުން މިހާރު ވެސް އެކި ރަށްރަށުގައި އިންޑިއާ އިން އަންނަނީ މަޝްރޫއުތައް ހިންގަމުންނެވެ.
އެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެ އެއްބަަސްވުމުގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ޔުނިޓެއް ހަދާނެއެވެ. އެ ޔުނިޓުގައި ސައުންޑް ޕްރޫފް ސްޓޭޝަނަކާ އެކު އޯޑިއޯމެޓްރީ ސެޓަޕެއް ބަހައްޓައި އެތަނަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތައް ބަހައްޓައި އަދި ޔުނިޓްގެ އުމްރާނީ މަސައްކަތްތައް ކުރާނެއެވެ.
The MoU signed today between the @governmentmv represented by @MoFAmv, the Indian government represented by a @HCIMaldives and KRH under the Indian High Impact project is another important step towards enhancing the therapeutic services provided in the region.@presidencymv pic.twitter.com/atuCPNXkhM
— Kulhudhuffushi Regional Hospital (@KRHmv) April 18, 2022
އެ މަޝްރޫއަށް ނުވަ ލައްކަ ރުފިޔާގެ ހީލޭ އެހީ ދޭން ވަނީ ނިންމާފައެވެ.
އިންޑިއާގެ އެހީގެ ދަށުން ހިންގާ އެހެން ޕްރޮޖެކްޓުތައް:
- އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ހެދުން.
- ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަކުރުމަށް ވޯކްޝޮޕެއް ހެދުން.
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހެދުން.
- ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން.
- ނ. ލަންދު އާއި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކޮށް، ރައްކާތެރިކުރުން.
އެއްބަސްވުންތަކުގައި ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ޕްރޮޖެކްޓުތައް ހިންގާ ރަށްތަކުގެ މަޖިލިސް މެމްބަރުންނާއި ކައުންސިލްތަކުން ވެސް ބައިވެރިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!