ހދ. އަތޮޅުގައި ތިއްބަވާ ފުލުހުންގެ އިސްވެރިނާއި، ހދ. ނެއްލައިދޫ ކައުންސިލުންނާއި މިއަދު ބައްދަލުކޮށް ނެއްލައިދޫގައި ޕޮލިސް ސްޓޭޝަނެއް ގާއިމު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބް ރައީސް، އަޙްމަދު ރަޝީދު ވިދާޅުވީ މިބައްދަލުވުމަކީ ނެއްލައިދޫގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައްވުމަށްޓަކައި، ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
އެގޮތުން ކުރިން އެރަށުގައި ޕޮލިސް ޑެސްކެއް ގާއިމް ކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް ޕޮލިސް ސްޓޭޝަންއެއް ގާއިމް ކުރުމަށް މި ބައްދަލު ވުމުގެ ތެރެއިން ވަނީ އެއްބަސްވެފައެވެ. އަދި އެއީ އެރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޚިދުމަތެއް ކަމަށްވެސް ރަޝީދު ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން އެކައުންސިލުން ވިދާޅުވީ ޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ތާރީޚް ލަސްވަމުންދަނީ ރަމަޟާން މަހާއި ގުޅިގެން ބައެއް ކަހަލަ ދަތިތަކާއި ކުރިމަތިވުމުން ކަމަށެވެ. އަދި އަންނަ މެއި މަހުގެ ތެރޭގައި ޚިދުމަތް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ބައިވެރިވެފައިވަނީ ނެއްލައިދޫ ކައުންސިލް މެމްބަރުންގެ އިތުރުން ކައުންސިލް އިދާރާގެ ޖެނެރަލް ސެކެރްޓްރީއެވެ. ފުލުހުންގެ ފަރާތުން ވަގުތީ ކޮމާންޑަރ އަދި ފުލުހުންގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
އެކައުންސިލުން އިތުރަށް ވިދާޅުވީ އެރަށުގައި މިޚިދުމަތް ފެށުމާއިއެކު ރަށުގެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި ލައިސެންސް އަދި ޖޫރިމަނާ މައްސަލަ ތަކުގައިވެސް ފުލުހުންގެ އެހީތެރިކަމާއިއެކު އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް އެކައުންސިލުން ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!