ހދ.ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ޔޫތު ސްޕޯޓްސް ވެޓަރެންސް ފުޓްސަލް މުބާރާތް 2022" ފަށައިފިއެވެ.
މި މުބާރާތް 15 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ވައިސޫރިއާއި ޓީމް ލަޔަންއެވެ.
މި މެޗު 2-0 ގެ ނަތީޖާއިން ވައިސޫރި ޓީމުން ކާމިޔާބު ކޮށްފައިވާއިރު، އެ ޓީމަށް ލަނޑުތައް ޖަހައި ދީފައި ވަނީ ޖޯޒީ ނަމްބަރު 07 ހަސަން ނާޒިމާއި، ޖޯޒީ ނަމްބަރު 22 އަލީ ޤާސިމެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ވައިސޫރީގެ ޖޯޒީ ނަމްބަރު 88 އިބްރާހީމް ރަމީޒެވެ.
މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރު ކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހްމަދު ދާއޫދް (ޑޭވިޑް)އެވެ.
މި މުބާރާތުގައި ބައިވެރި ވެފައި ވަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެއީ ވައިސޫރި، ޒީރު ސްޕޯޓްސް ކުލަބް، ލަޔަންގެ އިތުރުން ޓީމް އޯކިޑެވެ. މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިން ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މިރޭ އޮންނާނެއެވެ. ކުމުންދޫ ފުޓްސަލް ދަނޑުގައި މިރޭ 21:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ޒީރު ސްޕޯޓްސް ކުލަބާއި ޓީމް އޯކިޑެވެ.
ކުމުންދޫ ޔޫތު ސްޕޯޓްސްއަކީ 05 ޑިސެމްބަރ 1999 ވަނަ އަހަރު ރަޖިސްޓަރީކޮށް ހިންގަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. އެ ކުލަބުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫގެ ތަޢުލީމީ ހާލަތު ރަނގަޅު ކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރާވާ ހިންގުމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމަށް މަސައްކަތް ކުރުމާއި ކުޅިވަރު އާލާކޮށް ދިރުވުމާއި، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!