ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ފްރެންކްފާޓް އަތުން ބަލިވެ ބާސެލޯނާ މުބާރާތުން ކަޓައިފިއެވެ.

މި ދެ ޓީމް ބައްދަލުކުރި ޔޯރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ފްރޭންކްފާޓްގެ ދަނޑުގައެވެ. އެ މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މުބާރާތުގެ ކުއާޓާގެ ދެވަނަ ލެގުގެ މެޗު ރޭ ބާސާގެ ދަނޑުގައި ކުޅެފައިވާއިރު، ފްރޭންކްފާޓުން މެޗު ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވުމާއެކު ފްރޭންކްފާޓަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ލިބިފައި ވަނީ 4-3 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

Ad
rt

މެޗުގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި ފްރޭންކްފާޓުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ޕެނަލްޓީން ކާމިޔާބު ކޮށްދީފައި ވަނީ ފިލިޕް ކޮސްޓިޗެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރޭންކްފާޓުން ވަނީ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 36 ވަނަ މިނެޓުގައި ބާސާގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ރަފޭލް ބޯރޭއެވެ. މި ލަނޑު ޖެހުމަށް ފުރުޞަތު ތަނަވަސް ކޮށްދީފައި ވަނީ ކޮސްޓިޗެވެ.

ދެ ލަނޑުން ފަހަތުގައި އޮތުމާއިއެކު ދެވަނަ ހާފަށް ބާސާ ނުކުމެފައި ވަނީ ބައެއް ބަދަލުތަކާއިއެކު އެޓޭކަށް ވިސްނައިގެންނެވެ. މެޗުގައި ބާސާއަށް އިތުރު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވަނީ، ޓީމް ކުރިއަށް ޖައްސައިގެން ކުޅެމުން ދަނިކޮށް ފްރޭންކްފާޓުން 67 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކްގައި ލަނޑުޖަހައި ލީޑު ފުޅާކުރުމާއި ގުޅިގެންނެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަދި ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދީ ދެވަނަ ލަނޑު ޖަހަން ފުރުޞަތު ފަހިކޮށްދިން ފިލިޕް ކޮސްޓިޗެވެ.

ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ވަނިކޮށް ބާސާގެ ސާޖިއޯ ބުސްކެޓް ލަނޑެއް ޖެހިއެވެ. ނަމަވެސް އެ ބޯޅަ ލިބުންއިރު ބުސްކެޓް އޮފްސައިޑުގައި ހުރުމުން ވީއޭއާރުން ބެލުމަށް ފަހު ލަނޑު ވަނީ ކެންސަލް ކޮށްފައެވެ. މެޗުގެ ފަހު ވަގުތު ބާސާއިން އެޓޭކަށް ގެނައި ބައެއް ބަދަލުތަކާއިއެކު، އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނެޓްގެ ތެރޭ އެ ޓީމުން ވަނީ ލަނޑުޖަހަން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ.

މިގޮތުން ބާސާގެ ފުރަތަމަ ލަނޑު އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ ބުސްކެޓެވެ. އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ލޫކް ޑި ޔޯން އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ބާސާގެ ދެވަނަ ލަނޑު ޖެހީ މެމްފިސް ޑިޕާއިއެވެ. މި ފައުލާއި ގުޅިގެން ފްރޭންކްފާޓްގެ ޑިފެންޑަރު އިވާން އެންޑިކާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑް ދައްކައިފައެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާގައި ވެސްޓްހޭމްއިން ވަނީ ލިޔޯން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ރޭންޖާސްއިން ބްރާގާ ބަލިކޮށް ސެމީން ޖާގަ ހޯދިއިރު، ލެއިޕްޒިގުން ވަނީ އެތުލާންޓާ ބަލިކޮށް މުބާރާތުގެ ސެމީން ޖާގަ ހޯދާފައެވެ.

މުބާރާތުގެ ސެމީގައި ފްރޭންކްފާޓް ނުކުންނާނީ ވެސްޓްހޭމްއާއި ދެކޮޅަށެވެ. ލެއިޕްޒީގް ނުކުންނާނީ ރޭންޖާސްއާއި ދެކޮޅަށެވެ.