ޛިކުރު ކުރުމަކީ އެންމެ މަތިވެރި އަޅުކަންތަކުގެ ތެރެއިން ވާކަމެކެވެ. މުސްލިމު މީހާ އަބަދުވެސް ﷲ ހަނދުމަކޮށް ޛިކުރު ކުރާ ކަމުގައިވަނީނަމާ އޭނާ ވާނީ ހަމަޖެހިގެންވާ ދިރިއުޅުމެއްގައެވެ.

ކިތަންމެ ބޮޑު ކަމެއް ލައިގަތަސް އޭނާގެ ކިބައިގައި މާބޮޑު ހާސް ކަމެއް ނުވާނެއެވެ.

Ad
rt

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ ‎﴿٢٨﴾‏

މާނަ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

ނަބިއްޔާ ވަނީ އަހަރެމެންނަށް އެތައް ބައިވަރު ޛިކުރުތަކެއް ދަސްކޮށްދެއްވާފައެވެ. އޭގެތެރޭގައި ހެނދުނާއި ހަވީރުގެ ޛިކުރު ތަކުގެ އިތުރުން ދިރިއުޅުމުގެ އެކި ކަންކަމާ ގުޅެ ޛިކުރުތައްވެސް ހިމެނެއެވެ.

އެގޮތުން ފާހާނާއަށް ވަންނައިރާއި ނުކުންނައިރު، ގެއިން ނުކުންނައިރާއި ވަންނަ އިރު އަދި ހެދުން ލާއިރުވެސް ކިޔާނެ ޛިކުރު ވަނީ އަހަރެމެންނަށް އުނގަންނަވާދެއްވާފައެވެ. ކަންކަމާ ގުޅުވާލެވިފައިވާ މި ޛިކުރުތަކުގެ އިތުރުން އަބަދުވެސް ﷲ އަށް ޛިކުރު ކުރުމުގައި ދޫ ޙަރަކާތްތެރި ކުރުވާފައި ބެހެއްޓުމަށް ވަނީ އިރުޝާދު ދެވިފައެވެ.

މިހުރިހާ ކަމަކުން އަހަރެމެންނަށް އެނގިގެން ދިޔައީ ކޮން ކަމެއްހެއްޔެވެ؟ ނޫނެކެވެ. ހަމައެކަނި ޛިކުރު ކުރަން ޖެހޭ ކަމެއް ނޫނެވެ. އެހެނެއްކަމަކު ޛިކުރު ކުރަން ޖެހެނީ ވަރަށް ބައިވަރު ކަމެވެ. މިކަމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގެ އެތައްތަނެއްގައި އަލިއަޅުވާލައްވާފައެވެ. އެއިލާހު ވަޙީ ކުރައްވަނީ: ﴿وَاذْكُرْ رَبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ﴾ (آل عمران 41)

މާނަ: "އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، تسبيح ވިދާޅުވާށެވެ!"

އަދިވެސް އެއިލާހު ވަޙީ ކުރައްވަނީ: ﴿ وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ ﴾ (الأنفال: 45)

މާނަ: "އަދި ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."

އަދިވެސް އެއިލާހު ވަޙީ ކުރައްވަނީ: ﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا﴾ (الأحزاب: 41)

މާނަ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން اللَّه ހަނދުމަކުރާށެވެ!"

އަދިވެސް އެއިލާހު ވަޙީ ކުރައްވަނީ: وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا (الأحزاب: 35)

މާނަ: "ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ."

ވީމާ އަހަރެމެންގެ ޙަޔާތުން ދުވަހެއް ނިންމާލާއިރު ﷲ މަތިން ހަނދުމަކޮށް ޛިކުރު ކުރެވެނީ ކިހާ ވަރަކަށް ތޯ ސުވާލުކޮށްލަމާ ހިނގާށެވެ! ޙަޤީޤަތުގައި ޛިކުރު ކުރެވިދާނެ ވަރަށް ގިނަ ވަގުތުތައް ހޯދަން އުޅެފި ނަމަ ފެންނާނެއެވެ.

ސައިކަލުގައި ތަނަކަށް ދާއިރު، ނުވަތަ ކަމެއް ނެތިފައި އިންނައިރު، ނުވަތަ ބޭކާރު ކަމެއް ކުރާ ވަގުތު ތަކަކީ ވެސް އެވަގުތުތަކުގައި އާޚިރަތަށްޓަކައި ރަނގަޅު އިންވެސްޓްމަންޓެއް ކުރަން އެދޭނަމަ އެކަމެއް ހުއްޓާލައި ﷲ މަތިން ހަނދުމަކޮށް، ޛިކުރު ކުރަން ވީ ވަޤުތުތަކެވެ.