ހއ. ހޯރަފުށީ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ.

އެ ކައުންސިލުގެ ލޯގޯއާއި ދިދަ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައި މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި. ލޯގޯއާއި ދިދަ ފަރުމާ ކުރުމުގައި ވިސްނަންވީ ކަންކަމުގެ މަޢުލޫމާތު ވަނީ ވަރަށް ތަފްސީލްކޮށް ހިމަނާފައެވެ.

Ad
rt

މިގޮތުން ހުށަހަޅާ ޑިޒައިނަކީ އޮރިޖިނަލް ޑިޒައިނަކަށް ވާންވާނެ ކަމަށާއި ލޯގޯ އެއްގެ ކޮޕީއަކަށް ނުވަތަ ލޯގޯއިން ބައެއްގެ ކޮޕީއެއް ހިމަނައިގެން ލޯގޯ ފަރުމާ ނުކުރުމަށާއި، އަދި މީގެކުރިން އެހެން ފަރާތަކަށް ކޮށްދީފައިވާ ޑިޒައިނެއް ނުވަތަ އެހެން ފަރާތަކަށް ހުށަހަޅާފައި ޑިޒައިނެއް ހުށަހަޅައިގެން ނުވާނެ ކަމުގައި އެ އިޢުލާނުގައި ވަނީ ވިދާޅުވެފައެވެ.

ހުށަހަޅާ ލޯގޯއާއި ދިދައިގެ ސޮފްޓް ފައިލް ހުށަހަޅަން ޖެހޭއިރު، ހުށަހަޅާ ލޯގޯއާއި ދިދައިގައި ބޭނުންކުރާ އެންމެހާ އާރޓްވޯރކްތަކަކާއި ކޮންސެޕްޓްތައް 100% ހުށަހަޅާ ފަރާތުގެ އަމިއްލަ އެއްޗަކަށް ވާން ޖެހެއެވެ.

ހުށަހަޅާ ލޯގޯއާއި ދިދަ ރެސޮލިއުޝަން 300dpi ނުވަތަ އެއަށްވުރެ މަތިވާން ޖެހެއެވެ. ހުށަހަޅާ ލޯގޯ ފޮތި އަދި އެހެނިހެން ތަކެތީގައި ޕްރިންޓްކުރެވޭފަދަ ލޯގޯ ޑިޒައިން އަކަށް ވާންވާނެ ކަމަށާއި، ލޯގޯގެ އޮރިޖިނަލް ކުލަތަކާއިއެކު ކުލަ ވާރޝަންއަކާއި، އަދި ކަޅާއި ހުދުން ބެލެކް އެންޑް ވައިޓް ވަރޝަން ކޮޕީތައް ހުށަހަޅަން ޖެހެއެވެ.

ލޯގޯގައި ބޭނުންކޮށްފައިވާ ފޮންޓާއި، ފޮންޓްގެ ސައިޒް އެނގޭނެގޮތަށް ހުށަހެޅުމަށާއި، ލޯގޯގައި އަމިއްލަ ފޮންޓެއް ބޭނުން ކޮށްފައިވާނަމަ، އެ ފޮންޓެއް ހުށަހަޅަން ޖެހެއެވެ.

ލޯގޯއާއި ދިދައިން ރަމްޒުކޮށްދޭ ކަމެއް ނުވަތަ ކަންތައްތަކެއް، ލިޔުމުން ހުށަހަޅާ ތަފްޞީލް ކޮށްދޭން ޖެހޭއިރު، ލޯގޯއާއިއެކު ބްރޭންޑިންގ (މޮކަޕް) ހުށަހަޅާ، ލޯގޯ ލެޓަރ ހެޑްގައާއި، ބިޒްނަސް ކާރޑްގައާއި، އީމެއިލް ސިގްނޭޗަރގައާއި، ސެޓްފިކެޓް ތަކުގައިއާއި އަދި ޓީޝާރޓާއި ތޮފި ފަދަ ތަކެތީގައި ބޭނުންކުރުމުން ފެންނަން ހުންނާނޭ ގޮތް ހުށަހަޅަން ޖެހެއެވެ.

ޑިޒައިންގެ އަސްލު (ކޮމްޕޮޒިޝަން އާއި ކޮންސެޕްޓް) ނުގެއްލޭނެ ގޮތަށް، ޑިޒައިނަށް މައިނަރ ޗޭންޖެއް ގެނައުމަށް އެއްވަނައަށް ހޮވޭ ޑިޒައިންއެއް ހުށަހަޅާ ފަރާތަށް އެ ކައުންސިލުން އެދެފިނަމަ އެއްވެސް އަގަކާއިނުލައި އެކަން ކޮށްދިނުމަށް ވަނީ ޝަރުތު ކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ 1 ޕްރޮޕޯސަލް ކަމަށާއި ޕްރޮޕޯސަލްގައި ބޭނުން ޢަދަދަކަށް ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ފަރުމާ ކުރާ ލޯގޯގައި "ހޯރަފުށީ ކައުންސިލް" Hoarafushi Council މި ލިޔުންކޮޅު ލިޔުމަށް ވަނީ ޝަރުތުކޮށްފައެވެ.

ހޯރަފުށީ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 14 މެއި 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، info@hoarafushicouncil.gov.mv މި އީމެއިލް އެދްރެސްއަށް ފަރުމާކުރައްވާ ލޯގޯއާއި ދިދަތައް ފޮނުވައި ދެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ހުށަހަޅާ ލޯގޯއާއި ދިދައިގެ ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ ލޯގޯ އާއި ދިދަ ހުށަހެޅުއްވާ ފަރާތަކަށް -/5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.