މޫސުން ގޯސްވެ، ތިލަދުންމަތިން ޅ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިރޭ 19:15 އިން ފެށިގެން 21:30 އާއި ހަމައަށެވެ.

Ad
rt

މެޓް އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެކަމަށް ލަފާކުރެވެ އެވެ.

ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި އަދި ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އެދެއެވެ.

މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުން މުހިންމެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވާށެވެ.

މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް:

ވައިޓް އެލާޓް:

މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ޔެލޯ އެލާޓް:

މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން ޖެހޭނެއެވެ. ވިދާ ގުގުރާ ބޯކޮށް ވާރޭވެހޭނެއެވެ. އުދައެރުންފަދަ ކަންތައް ދިމާވުމަކީ އެކަށީގެންވާކަމެކެވެ. މި އެލާޓް ނެރުމާއެކު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި، ހިކިފަސް ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، މޫސުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ.

ރެޑް އެލާޓް:

މި އެލާޓްގެ މުއްދަތުގައި ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ޚިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ. ކަނޑު ދަތުރުފަތުރު ކުރުމަކީ މި އެލާޓްގެ މުއްދަތުގައި ކޮށްގެންވާނެކަމެއް ނޫނެވެ. ކޮޅިގަނޑެއްގެ ސަބަބުން ނުރައްކާތެރި ޙާދިސާއެއް ހިނގައިފާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން ރައްކާތެރި ހިސާބުތަކަށް ދިޔުމަކީ މުހިއްމުކަމެކެވެ. މި އެލާޓް ނެރުމާއެކު ކަމާ ބެހޭ ފަރާތްތަކުން އަބަދުވެސް ތިއްބަވާނީ ދިމާވެދާނެ ޙާދިސާއަކުން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ގްރީން އެލާޓް:

މިއީ މޫސުން އާންމު ގޮތެއްގައި ރަނގަޅުނަމަ ނެރޭ އެލާޓެކެވެ. މި އެލާޓް ނެރުމުން އާންމު ޙާލަތަށް ރުޖޫޢަވީއެވެ.