ހދ. ކުމުންދޫ ޔޫތު ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ވެޓަރެންސް ފުޓްސަލް މުބާރާތް 2022" އޭޕްރިލް 15 ވާ ހުކުރު ދުވަހު ފެށުމަށް އެ ކުލަބުން ތާވަލު ކޮށްފޮއެވެ.
މި މުބާރާތުގައި ބައިވެރި ވެފައި ވަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެއީ ވައިސޫރި، ޒީރު ސްޕޯޓްސް ކުލަބް، ލަޔަންގެ އިތުރުން ޓީމް އޯކިޑެވެ. މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިން ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ.
ކުމުންދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވައިސޫރިއާއި ލަޔަންއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 22 އޭޕްރިލް 2022 ވަނަ ދުވަހުގެ ރެއެވެ.
މުބާރާތުގެ ހިންގާ ގަވާއިދު ބުނާގޮތުން މުބާރާތުގައި ކުޅެވޭނީ ކުމުންދޫ ރަށްވެހިންގެ ތެރެއިން ނުވަތަ ކުމުންދޫ މީހަކާއި ކައިވެރނިކޮށްގެން ކުމުންދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އުމުރުން 35 އަހަރުން މަތީގެ ފަރާތްތަކަށެވެ. ނަމަވެސް އުމުރުން 35 އަހަރާއި 30 އަހަރާއި ދެމެދު ދެ ކުޅުންތެރިން ކޮންމެ ޓީމެއްގައި ވެސް ހިމެނުމުގެ ފުރުޞަތު ދީފައިވާއިރު، މީގެ ތެރެއިން އެއް ކުޅުންތެރިއަކީ ކީޕަރު ކަމުގައިވާނަމަ އެއްފަހަރާ އެ ދެ ކުޅުންތެރިންނަށް ދަނޑަށް ކުޅެން ނުކުމެވިދާނެއެވެ. ނޫންނަމަ އެއްފަހަރާ ކުޅެން ނުކުމެވޭނީ މީގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިއަކަށެވެ.
ކުމުންދޫ ޔޫތު ސްޕޯޓްސްގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު 15 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ރޭ 21:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރު ކޮށްދެއްވުމުގެ ގޮތުން ބައިވެރިވެވަޑައި ގަންނަވާނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހްމަދު ދާއޫދް (ޑޭވިޑް)އެވެ. ޑޭވިޑްއަކީ ޓެކާސް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ހދ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.
ކުމުންދޫ ޔޫތު ސްޕޯޓްސްއަކީ 05 ޑިސެމްބަރ 1999 ވަނަ އަހަރު ރަޖިސްޓަރީކޮށް ހިންގަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ. އެ ކުލަބުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުމުންދޫގެ ތަޢުލީމީ ހާލަތު ރަނގަޅު ކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރާވާ ހިންގުމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަމަށް މަސައްކަތް ކުރުމާއި ކުޅިވަރު އާލާކޮށް ދިރުވުމާއި، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!