ދިވެރާއްޖޭގެ ސްޓޭޕަލް ފުޑް ފެކްޓްރީ ކުޅުދުއްފުށި ސިޓީގައި ގާއިމް ކުރުމަކީ އެ ރަށަށް މިވަގުތު ވަރަށް ބޭނުންވެފައި އޮތް ކަމެއް ކަމަށް މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޒިޔާރަތާ ގުޅިގެންނެވެ. އެ ޒިޔާރަތުގައި އެމްޕީއެލްގެ އިސްވެރިންނާއި ކުޅުދުއްފުށި ދާއިރާތަކުގެ މެމްބަރުންވެސް ބައިވެރިވެލެއްވިއެވެ.

Ad
rt

އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފެކްޓްރީއަކީ ކުޅުދުއްފުއްޓަށް ބޭނުންވެފައި އޮތް އިކޮނޮމިކް ޖަމްޕް ޖެހުމަށް ނުހަނުބޮޑު ފުރުސަތަކަށް ވެގެންދާނެކަމަށެވެ. އަދި އެފަދަ ފެކްޓްރީއެއް ސިޓީގައި ގާއިމުވެގެން ހިނގައްޖެނަމަ އިޤްތިސާދީ އިތުރު ދޮރުތަކެއް ރަށުގެ ރަައްޔިތުންނަށް ހުޅުވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުޅިރާއްޖެއަށް ބޭނުންވާ ފުށާއި ހަނޑޫ ކުޅުދުއްފުށިން ސަޕްލައި ކުރަން ފެށުމުން ސީދާ ގޮތުންނާއި ނުސީދާގޮތުން ރަށުގައި ހިންގާ ވިޔަފާރިތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ދެކޭ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

“މި ފެކްޓްރީގެ މަސައްކަތަކީ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިގެންދާ މުހިންމި މަސައްކަތެއް ކަމުގައިދެކެން. އެސްޓީއޯ އިން މި ފެކްޓްރީ ޤާއިމު ކުރުމަށް ކުޅުދުއްފުށި ހިޔާރުކުރުމަކީ މި ސިޓީ ވިޔަފާރީގެ ހަބެއްގެ ގޮތުގައި ތަރައްގީވުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބުނު ވަރަށްބޮޑު އުންމީދެއް،” މޭޔަރު ވިދާޅުވިއެވެ.

އަމްރު ކުޅުދުފުއްޓަށަ ކުރެއްވި ދަތުރުގައި އެ ކުންފުނީގެ ފުށް ފެކްޓްރީ އަޅާ ބިން ވަނީ ބައްލަވާލައްވައިފައެވެ. އަދި ފެކްޓްރީ އެޅުމާ ގުޅޭ މައުލޫމާތު ވެސް ވަނީ ހިއްސާ ކުރައްވައިފައެވެ.