މިއީ ގޮތް ނޭނގޭ ބަލިމަޑުކަމެއް ތަހަންމަލް ކުރަމުން އަންނަ އުމުރުން އެންމެ ވިހި އަހަރުގެ ހަނާ އުމަރާއި ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ހަނާގެ މަންމަ ހުސްނާ މުހައްމަދުގެ ވާހަކައެވެ. މިއީ ހދ. ކުޅުދުއްފުށި ސިޓީގެ އާއިލާއެކެވެ.

ހަނާއަކީ އޭނާގެ އުމުރުން އެގާރަ އަހަރާ ހިސާބަށް ފޯރި އިރުވެސް ސިއްހީ ސީރިއަސް މައްސަލައެއް ފާހަގަ ކުރެވިފައިވާ ކުއްޖެއް ނޫނެވެ. ނަމަވެސް އުމުރުން އެގާރަ އަހަރުގައި ނޭފަތުން ކުޑަކޮށް ލޭއައުމުގެ މައްސަލައެއް ފާހަގަ ކުރެވުމުން ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދުމުން އެކަން ހަމައަކަށް އެޅުނެވެ. އޭގެ ފަހުން ވެސް ހަނާ ކިޔެވުމުގެ މަރުހަލާ ފުރިހަމަ ކުރަމުން އައީ ސިއްހީގޮތުން މައްސަލައެއް ފާހަގަ ކުރެވިފައިނުވާ ހާލު ދުޅަހެޔޮ ސިއްހަތަކާއި އެކުގައެވެ.

Ad
rt

ހަނާގެ ސިއްހީ މައްސަލައެއް ފުރަތަމަ ފާހަގަ ކުރެވުނީ އޭނާގެ އުމުރުން 17 އަހަރުގައެވެ. ކުޑަކަމު ނުދެވުމުގެ މައްސަލައެކެވެ. ކުޑަކަމު ނުދެވި ގިނަ ދުވަސްވާން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ލަފާދެއްވީ ހޮޅި ލެއްވުމަށެވެ. ކުޑަކަމު ދިއުމަށް ހޮޅި ލެއްވުމާއި ހަމައަށް ދިއުމުގެ ކުރިން ހަނާއަށް ކުޑަކަމުދެވެނެ ފެށުނު ނަމަވެސް ކުޑަކަމުދާ ތަކެތީގެ ގޮތުގައި މުޅިންހެން ލޭ އަންނަން ފެށުމުން އޭނާގެ ހާސްކަން ބޮޑުވެގެންދިޔަ އެވެ.

ފާއިތުވި ތިން އަހަރު ދުވަހު ސިއްހީގޮތުން ބޮޑެތި މައްސަލަތަކާއި ހަނާ ކުރިމަތިލާން ޖެހުނުއިރު، އޭނާއަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ހަށިގަނޑުގެ އެތެރޭގެ ނާރުތައް ހަލާކުވެ އެކި ގުނަވަންތަކުން ލޭއައުމާއި، ހަށިގަނޑުގެ އެކި ހިސާބުގައި ހުންނަ ނާރުތައް ދުޅަވެ ފުފިފައި ހުރުމާއި، މަސްގަނޑުގެ ތެރެއަށް ލޭ އަރައި، އެ ލޭ ހަށިގަނޑުގެ ތެރޭ ހުރެ ނުބައިވުމާއި، ގައިގެ އެކިތަންތަނުން މަސްގަނޑުތައް ހަލާކުވުމާއި ހޮޑުލާއިރާއި ކުޑަކަމުދާއިރު ލޭ އައުންފަދަ ކަންކަން ހިމެނެއެވެ.

ހަނާގެ ބަލީގެ އަސްލަކީ ކޮބައިކަމެއް ޔަޤީނުން ބުނަން ޑޮކްޓަރުންނަށް ވެސް ދަތިވުމަކީ ފަރުވާގައި ހޭދަކުރަން ޖެހޭނޭ މުއްދަތެއް، އަދި އެކަމަށް ހިނގާނެ ޚަރަދެއް އަންދާޒާ ކުރުމަށް އެ އާއިލާއަށް ވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ މުއްދަތުގައި ކެނޑި ނޭޅި ފަރުވާގައި ހޭދަކުރެވުނު ނަމަވެސް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވުމަކީ ހަނާގެ ހިތައް މިއަދު މާޔޫސްކަން ގެނުވާ ކަމަކަށް މި ވަނީ ވެފައެވެ.

މިވަގުތު ވެސް ހަނާއާއި އޭނާގެ މަންމަގެ ފަރުވާއަށް ގޮސް އެ އާއިލާއިން ތިބީ އިންޑިއާގައެވެ. މާޗް މަހުގެ 17 ވަނަ ދުވަހު އިންޑިއާއަށް ގޮސް 22 ވަނަ ދުވަހު ހަނާ އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި އެޑްމިޓްކުރި ގޮތަށް އަދިވެސް އޮތީ އެތަނުގައެވެ. ހަނާގެ ސިއްހީ ހާލަތު ދައްވަމުން އަންނާތީ، އޭނާގެ ކިޑްނީގެ މަތީގައި އުފެދިފައިވާ ޓިއުމައެއް ނެގުމަށް އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުން އައި ނަމަވެސް އޭނާގެ ގައިން ލޭ މަނާނުވުމުގެ މައްސަލަ ދިމާވާތީ އެކަން ވެސް ވަނީ ރިސްކީ ކަމަކަށް ވެފައެވެ.

މިވަގުތު ހަނާއާއި އޭނާގެ މަންމަގެ އެހީތެރިންގެ ގޮތުގައި ކައިރީ ތިބީ ބޭބެއާއި ހަނާގެ ދެބެންގެ ދެދަރި މުނާ ހުސެއިންއެވެ. "ތިލަދުން" އާއި ވާހަކަ ދައްކަމުން މުނާ ބުނެފައި ވަނީ ހަނާ މިވަގުތު ވެސް އުޅެމުން ދަނީ ވަރަށް ވޭނުގައި ކަމަށެވެ. ރަނގަޅަށް އޮއްތައި އަދި އިއްތައި އިނުމަށް ވެސް ދަތިވެ، ދެފައި ވަރަށް ބޮޑަށް ދުޅަވެ ހިނގަން ވެސް ދަތިވެ ފަޔާއި މުޅި ހަށިގަނޑުގައި ވޭން އަޅަމުން އަނަން ކަމަށާއި، ނިޔަފަތި ދަށުން ފަދަ ތަންތަނުން ލޭ ނުބައިވެ ދޮސް އައުމާއި، ހަކުރު ދައްވުމާއި މަތިވުމާއި އަދި ހަކުރު ދައްވާ ކޮންމެ ފަހަރަކު އޮކްސިޖަން ގުޅަން ޖެހުންފަދަ ކަންކަން ކުރިމަތިވަމުން އަންނަ ކަމަށެވެ.

ހަނާ އުފަންވީއްސުރެ ހަނާގެ އެންމެހާ ކަންކަން ބަލަމުން އައި އޭނާގެ މަންމަ ހުސްނާ މުހައްމަދަށް ވެސް މިއަދު މިވަނީ އުނދަގޫ ހާލަތެއް ކުރިމަތިވެފައެވެ. ފާއިތުވި ތިން އަހަރު ހަނާ ބައްޔަށް ތަސައްލީއެއް ހޯދައި ދިނުމަށް އެންމެ ކައިރީގައި މަސައްކަތްކުރި އެކަކަކީ ހުސްނާއެވެ. ލަންގުން ކެންސަރުގެ އަސަރު ފެނުމާއި ގުޅިގެން ހުސްނާގެ ބައްޔަށް ވެސް މިއަދު މިވަނީ ފަރުވާ ކުރަން ޖެހިފައެވެ. ލަންގުގައި ކެންސަރުގެ އަސަރު ފޯރާފައިވާ ބައި ނެގުމަށް ކުރަންޖެހޭ އޮޕަރޭޝަން ކުރުމަށް ހަދަންޖެހޭ ޓެސްޓްތައް މިހާރު ވެސް ހަދައި އެކަމަށް އެ އާއިލާއިން އަންނަނީ ތައްޔާރުވަމުންނެވެ. ހަނާ އަކީ ހުސްނާ އަށް ލިބުނު ފަސް ކުދިންގެ ތެރެއިން ދެވަނަ އަށް އެންމެ ހަގު ދަރިފުޅެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ ފަރުވާގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމާއި ގުޅިގެން އަތްމަތި އިންތިހާއަށް ދަތިވެފައިވާ ހާލު ހަނާގެ ބަލީގެ އިތުރުން މަންމަގެ ބައްޔަށް ވެސް ހަރަދުކުރަންޖެހި އާއިލާގައި އެ ޚަރަދުތައް ހަމަޖެއްސޭނޭ ޤާބިލުކަން ނެތުމެވެ.

އާއިލާއިން އެދެނީ ކިތަންމެ ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވެން އޮތް ފަރާތަކުން ވެސް އެހީތެވެ ދެއްވުމެވެ. އަދި ދުޢާ ކޮށްދެއްވުމެވެ.

ހަނާއާއި ހަނާގެ މަންމައަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް:

ހުސްނާ މުހައްމަދު (ހަނާގެ މަންމަ)

ފޯނު ނަމްބަރު: 9101234 / 7860170

އެކައުންޓް ނަމްބަރު: 7730000031313