ށ. މިލަންދޫއާއި އެ އަތޮޅު ފޯކައިދޫއިން އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ރައްޔިތުންގެ އަތުން ކޮންމެ މަހަކު ވެސް ނަގަމުން އަންނަ "ކުނި ފީ" ރަމަޞާން މަހު ނުނަގަން އެ ރަށު ކައުންސިލްތަކުން ނިންމައިފިއެވެ.
މިގޮތުން މިލަންދޫ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ނަގަމުން އަންނަ ކުނީގެ ފީ 1443 ވަނަ އަހަރުގެ ރަމަޟާން މަހު މިލަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭ ހާއްސަ އިނާޔަތެއްގެ ގޮތުގައި ހަމަޖައްސައި މި ހިނގާ އޭޕްރިލް މަހު ކުނީގެ ފީ މަޢާފް ކޮށްދިނުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މިގޮތަށް ނިންމާފައިވަނީ 30 މާޗް 2022 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 4 ވަނަ ދައުރުގެ 43 ވަނަ އާންމު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ފުރިހަމަ ތާއީދާއި އެކުގައި ކަމަށެވެ.
ފޯކައިދޫ ކައުންސިލުން ފޯރުކޮށްދެމުން އަންނަ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ނަގަމުން އަންނަ ކުނީ ފީ މި ރަމަޟާންމަހު ނުނަގާގޮތަށް އެ ކައުންސިލުން ނިންމައި އެކަން ހާމަ ކޮށްފައި ވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ.
މީގެ އިތުރުން ވެސް ބައެއް އިތުރު ރަށް ރަށުގެ ކައުންސިލްތަކުން ވެސް ވަނީ މި ޚިދުމަތުގެ ފީ ރޯދަމަހު ނުނަގަން ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!