ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ދިވެހިރާއްޖެ ތަމްސީލުކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ 2 ވަނަ އަދި 3 ވަނަ ބުރުގައިވެސް ކިޔަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވިދާޅުވީ، ދުބާއީ އިންޓަނޭޝަނަލް ޤުރްއާން ކޮމްޕެޓިޝަން ގައި ދިވެހިރާއްޖެ ތަމްސީލު ކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ 2 ވަނަ ބުރު އަދި 3 ވަނަ ބުރުގައިވެސް ކިޔަވާފައިވާ ކަމަށެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި ނަބީޙުގެ ކިޔެވުން އަޑުއަހާފައި ޙާޒިރުވެތިބި އެތައް ބައެއްގެ ތަޢުރީފު ލިބިގެންދިޔައެވެ. އަދި މުބާރާތް އިންތިޒާމްކުރެއްވި ފަރާތުން ނަބީޙް އާއި ކުރި އިންޓަރވިއުގައި ސޫރަތެއްގެ ނަން ބުނުމަށްފަހު އެ ސޫރަތުގެ އާޔަތެއްގެ ނަންބަރު ބުނުމުން ނަބީޙު ވަނީ އެ އާޔަތް ކިޔައިފައެވެ. އެވަގުތު ނަބީހުގެ އާދަޔާ ޚިލާފު ހުނަރު ފެނިފައި އިންޓަރވިއު ކުރި ފަރާތުން އަޖައިބުވެ ފެންކަޅިވިއެވެ.
މީގެ އިތުރުން ތަފާތު އެކި ރާގުރާގަށް ކިޔެވުން ފަދަ ހުނަރުތައް ނަބީޙް ވަނީ ދައްކާފައެވެ. ނަބީޙުގެ އެ ހުނަރުތައް ފެނިފައި ޑުބާއީގެ ރޭޑިއޯ ޗެނަލަކުން ވަނީ ނަބީޙުގެ ކިޔެވުން ރިކޯރޑުކުރުމަށް ބޭނުންވާކަމަށް ބުނެފައެވެ.
ދުބާއީ އިންޓަނޭޝަނަލް ޤުރްއާން ކޮމްޕެޓިޝަން ގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާ އަލް ޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ 2 ވަނަ ބުރު އަދި 3 ވަނަ ބުރުގައިވެސް ކިޔަވައިފި. #MVIaffairshttps://t.co/lnQS28TpSh
— Ministry of Islamic Affairs (@MVIaffairs) April 6, 2022
މި ރޯދަމަހުގެ ފުރަތަމަ ދުވަހު ދުބާއީގައި ފެށި މި ޤުރުއާން މުބާރާތް ކުރިއަށް ދާނީ މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
ނަބީޙްއަކީ ވަރަށް ލަސްލަހުން އުނދަގުލާއެކު މެނުވީ ވާހަކަ ނުދެއްކޭ، އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައިވެސް އުނދަގޫތައް ތަޙައްމަލްކުރާ އަދި ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެކެވެ. ނަމަވެސް ޤުރުއާން ކިޔަވަން ބޭނުންވުމާއެކު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ، އަކުރުތައް މަޚްރަޖުން ކިޔަވައެވެ.
ނަބީޙު ވަނީ ކީރިތި ޤުރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ޤައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައެވެ.
ދުނިޔޭގެ މަޝްހޫރު ޤާރީން ކިޔަވާގޮތަށް ޤުރްއާން ކިޔެވުމާއި ރީތި ރާގުރާގަށް ބަންގި ގޮވުމަކީ ނަބީޙް އެންމެ ކުރާހިތްވާ ކަމެވެ. އަދި ނަބީޙްގެ ހުވެފަނަކީ ރާއްޖޭގެ މިސްކިތެއްގައި އިމާމްވެ ތަރާވީޙް ނަމާދު ކުރުމެވެ. ނަބީޙް އަދާކުރާ ހިތްވާ ވަޒީފާއަކީ އިމާމްކަމާއި މުއައްޛިން ކަމެވެ.
ނަބީޙްގެ މަންމަ ފާހަގަކުރަށްވާ ގޮތުގައި ނަބީޙްގެ އެކުވެރިޔަކީ ޤުރްއާނެވެ. ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ޤުރްއާނާއެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!