މި ހިނގާ ރަމަޟާންމަހުގެ 1 ން 14 އަށް ދުބާއީގައި ކުރިއަށްދާ ދުބާއީ އިންޓަނޭޝަނަލް ހޯލީ ޤުރްއާން ކޮމްޕެޓިޝަން 2022 ގައި ދިވެހިރާއްޖެ ތަމްސީލުކުރަމުންދާ އަލްޙާފިޡް އަޙްމަދު ނަބީޙް މުބާރާތުގެ ފުރަތަމަ ބުރުގައި ވާދަކޮށް ދެވަނަ ބުރަށް ހޮވިއްޖެއެވެ.
ނަބީޙްއަކީ ވަރަށް ލަސްލަހުން އުނދަގުލާއެކު މެނުވީ ވާހަކަ ނުދެއްކޭ، އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައިވެސް އުނދަގޫތައް ތަޙައްމަލްކުރާ އަދި ޚާއްޞައެހީއަށް ބޭނުންވާ ކުއްޖެކެވެ. ނަމަވެސް ޤުރުއާން ކިޔަވަން ބޭނުންވުމާއެކު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ، އަކުރުތައް މަޚްރަޖުން ކިޔަވައެވެ.
ނަބީޙްގެ މި ކާމިޔާބީއަކީ ދިވެހީން ފަޚުރުވެރިވާ ފަދަ އާދަޔާ ޚިލާފު ކަމެއް ގޮތުގައި އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަ ކުރަށްވާފައެވެ. އަދި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އައްޝައިޚް އިލްޔާސް ޖަމާލް ވިދާޅުވި ގޮތުގައި ނަބީޙްގެ މި ކާމިޔާބީއަކީ ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ ބޮޑު ކާމިޔާބީއެކެވެ.
ނަބީޙްގެ މަންމަ ފާހަގަކުރަށްވާ ގޮތުގައި ނަބީޙްގެ އެކުވެރިޔަކީ ޤުރްއާނެވެ. ހުރިހާ ވަގުތެއްހެން ހޭދަކުރަނީ ޤުރްއާނާއެކުގައެވެ.
ދުނިޔޭގެ މަޝްހޫރު ޤާރީން ކިޔަވާގޮތަށް ޤުރްއާން ކިޔެވުމާއި ރީތި ރާގުރާގަށް ބަންގި ގޮވުމަކީ ނަބީޙް އެންމެ ކުރާހިތްވާ ކަމެވެ. ނަބީޙްގެ ހުވެފަނަކީ ރާއްޖޭގެ މިސްކިތެއްގައި އިމާމްވެ ތަރާވީޙް ނަމާދު ކުރުމެވެ. ނަބީޙް އަދާކުރާ ހިތްވާ ވަޒީފާއަކީ އިމާމްކަމާއި މުއައްޛިން ކަމެވެ.
ނަބީޙުއަކީ ކީރިތި ޤުރުއާން ކިޔެވުމުގެ އެކިއެކި މުބާރާތްތަކުގައި ޤައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ޙާޞިލުކުރައްވާފައިވާ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!