ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ލިބޭ ދިއްދޫ އެންމެ އަލިގަދަ ތަރި 1443" ޤުރުއާން މުބާރާތް ފަށައިފިއެވެ.
މި މުބާރާތުގެ ކިޔެވުން ޖުމްލަ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާއިރު، ފުރަތަމަ ބުރުގެ ކިޔެވުން ވަނީ 01 އޭޕްރިލް 2022 ވީ ހުކުރު ދުވަހުގެ ރޭ ދިއްދޫ އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލަ އުތުރު މާލަމުގައި ކުރިއަށް ގެންގޮސްފައެވެ.
މި މުބާރާތަކީ ޓީވީއެމްއިން ކޮންމެ އަހަރަކު ރަމަޟާން މަހު ގެނެސްދޭ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޤުރުއާން މުބާރާތުގެ ކޮންސެޕްޓަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ ޤުރުއާނުގެ ޢިލްމު އުނގެނި، ގިނަ ޤުރުއާން މުބާރާތްތަކެއްގައި ފަނޑިޔާރުކަން ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ތިން ފަނޑިޔާރުން ކަމަށްވާ، ޞަބާހް އަލީ، ދުރަންފެންނަގޭ/ ގއ.މާމެންދޫ، އަލީ ޝަރީފް، ފޭރުގަސްދޮށުގެ/ ދ.މީދޫ، އަޝްރަޤް ނާޡިރު، ފެހިފަރުދާގެ/ މ.ވޭވަށް، އެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގެ ދެވަނަ ބައި މިރޭ އޮންނާނެއެވެ. ރޭ ކުރިއަށް ގެންދެވުނު ފުރަތަމަ ބުރުގެ 20 ބައިވެރިންގެ ކިޔެވުންތަކުގެ ނަތީޖާ މިރޭ ފާޅުކުރާއިރު، މުބާރާތުގައި ކުރިއަށް ދިޔުމަށް ނުވަތަ ދެވަނަ ބުރުން ފުރުޞަތު ލިބޭނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ 10 ބައިވެރިނަނަށެވެ. ވުމާއެކު މިރޭ ނަތީޖާއާއިއެކު މުބާރާތުން 10 ބައިވެރިން ކަޓައިގެން ވެސް ދާނެއެވެ.
މުބާރާތުގެ ދެވަނަ ބުރުގެ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 07 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުން 08 އޭޕްރިލް 2022 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދިއްދޫގައި ފުޅާ ދާއިރާއެއްގައި އާންމު މުދާ ވިއްކަމުން އަންނަ ފިހާރައެއް ކަމުގައިވާ "ލިބޭ" ފިހާރައެވެ. އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ޔަލަމްލަމް ހައްޖު އެންޑް އުމަރާ، އެންޒެޑް، ސަން އޮފް ސެއިލަރ، ނިއުމަތް ދޯނި، ދިއްދޫ ކުރިމަގު ޖަމިއްޔާ، އީޒީ ފިލިން، އިހަވަންދޫ ބާބަކިއު ހަޓް، ދިއްދޫ އޮންލައިން، ކުޅުދުއްފުށީ ޑަބްލިއު ކުރާފްޓް، ދިއްގާ ފައުންޑޭޝަން، ދިއްދޫ ޕޮލިސް، ހއ.އަތޮޅު ކައުންސިލް، ހއ.އަތޮޅު ތަޢުލީމީ މަރުކަޒު، ހއ.ދިއްދޫ ކައުންސިލް، ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން އަލްޓްރާ ފެޝަން ހިމެނެއެވެ.
އިތުރު ޕާޓްނަރުންގެ ގޮތުގައި މުބާރާތައް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ތެރޭގައި ހއ.އަތޮޅު ކައުންސިލް އިދާރާ، ދިއްދޫ ކައުންސިލް އިދާރާ، އެންޒެޑް ފިހާރަ، ނިއުމަތް، ދިއްދޫ ޕޮލިސްޓޭޝަން، ދިއްގާ ފައުންޑޭޝަން، ދިއްދޫ ކުރިމަގު، ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރުން ސަން އޮފް ސެއިލާރސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!