މި އަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް ކަަމށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

Ad
rt

އެ ޚިޠާބުގައި ރައީސް ވިދާޅުވީ، ރަމަޟާން މަހަކީ اللهُ سُبْحَانَهُ وَتَعَالَى މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ، ނިޢުމަތްތަކުން ފުރިގެންވާ މޫސުން ކަމަށެވެ. އަދި ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ އުފާވެރި ދުވަސްތަކަކާއި ރޭތަކެއް ކަމަށެވެ.

ހަމައެފަދައިން، މި މައްސަރަކީ ޢަމަލުތައް އިޞްލާޙުކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުކުރުމަށް ދެއްވާފައިވާ ވަރަށް ތަނަވަސް ފުރުޞަތެއްކަމަށާއި، މި ފެށުނު ރަމަޟާން މަހުގައި ޢަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް ކަމަށް ރައީސް ވިދާޅުވެފަވެއެވެ.

"ހަމައެފަދައިން، ރޯދައިގެ އަޅުކަމުގެ ތެރެއިން އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމަށް، ކީރިތި މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވާފައިވާ ނަބަވީ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރާ ބަޔަކަށް ވުމަށެވެ." ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީވެސް، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވެވި، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް، ދީނީގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުތަނަވަސްވެފައިވުން ކަމަށެވެ.

އެހެންކަމުން، މި މަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި، ތަރާވީޙް ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ، ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ މައްސަރަކަށް ވީހިނދު، އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާތެރިކަން އިސްކޮށް، އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

"މި މައްސަރަކީ ފުއްސެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެންވެސް އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު، އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެކެވެ. ހަމައެފަދައިން، މިއީ ދިންނެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެންވެސް އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ، އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންކަމެވެ." ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވީތީ، މި ބަރަކާތްތެރި ދުވަސްތަކުގައި ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހޭ ކަމަށާއި، ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގައި ހީވާގިވުމަކީ އެހާމެ ބޭނުންތެރި ކަމެއް ކަމަށް ރައީސް ޞާލިޙްގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.