ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާންގައި ބައިވެރިވާން ރަޖިސްޓަރީވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ.
ފުރަތަމަ ބާ އިމްތިޙާން ބާއްވަން ބާ ކައުންސިލުން ނިންމާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބާ އިމްތިޙާނުގައި ރަޖިސްޓަރީވީކަމަށް ބަލާނީ، ބާ އިމްތިޙާނުގައި ބައިވެރިވުމަށް ފުރުޞަޠު ހުޅުވާލައި ބާ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ބުނާ ކަންކަން ފުރިހަމަވެ، ކެންޑިޑޭޓު ނަންބަރު އިމްތިޙާނުގައި ބައިވެރިވާ ފަރާތަށް ލިބުމުން ކަމަށް އެކަމަށް ބާ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ބުނެފައިވެއެވެ.
މި ގޮތުން ބާ އިމްތިޙާނުގައި ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ ލިންކް މެދުވެރިކޮށެވެ. އަދި އެ އިމްތިޙާންގައި ބައިވެރިކުރާނީ އިމްތިޙާނުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.
އިމްތިޙާނާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް bar-exam@maldivesbarcouncil.org އަށް އީ-މެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ.
ބާ އިމްތިޙާނަށް މި އަހަރު ކަނޑައަޅާފައިވާ ފީ އަކީ 10،000 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!