ވާރެ ނުވެހޭތާ ގިނަ ދުވަސްތަކެއް ވޭތުވުމުން ފެނަށް ޖެހިފައިވާ ހއ. މުރައިދޫ ރައްޔިތުންނަށް އެރަށު ފެނަކަ ބްރާންޗްއިން ފެން ފޯރުކޮށްދީފިއެވެ.

މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުން އެއްކޮށް ފެން ހުސްވުމުން ރައްޔިތުން ފަހުން ބޭނުން ކުރަމުން ދިޔައީ ކައުންސިލް އިދާރާގެ ޓޭންކްތަކުން ދޫކުރަމުން ދިޔަ ފެން ކަމަށެވެ.

Ad
rt

އަދި ފެނަށް ވަރަށް ބޮޑަށް ދަތިވެފައި ވަނިކޮށް ފެނަކައިގެ ފަރާތުން މިދިޔަ ބުދަ ދުވަހު އެރަށަށް 12000 ލީޓަރުގެ ފެން ފޯރުކޮށްދީފައިވާ ކަމަށް ސިނާން ވިދާޅުވިއެވެ.

މީގެ އިތުރުން ޓޭންކް ތައް ސާފުކުރުމަށާއި ފެން އެޅުމަށް ފެނަކަ މުވައްޒަފުން ވެދެއްވި އެހީތެރިކަން ފާހަގަ ކުރައްވާ އެރަށު ފެނަކަ ބްރާންޗްގެ ސްޓޭޝަންގެ މެނޭޖަރ އަޝްވާގް އަބްދުﷲ އަދި ފެނަކަ މުވައްޒަފުންނަށް ކައުންސިލްގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ރައްޔިތުންނަށް ދަތިވާ ކޮންމެ ކަމެއްގައި ރަށުގެ މުއައްސަސާތަކުން ކައުންސިލަށް ދެއްވާ އެއްބާރުލުން ވެސް ސިނާން ވަނީ ފާހަގަ ކުރަށްވާފައެވެ.