މި ސަރުކާރު ބިނާވެގެން އައީ އިންޞާފް ޤާއިމުކޮށްދިނުމުގެ ވަޢުދާއެކުކަމަށާއި، އިންޞާފް ޤާއިމްވުމުގެ ތަޅުދަނޑިއަކީ ހިންގޭ ފުރިހަމަ ތަޙުޤީޤުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާޞަބާ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިޙް ވިދާޅުވީ، ފުލުހުންގެ ހިންގުމަށް ގެނެވިފައިވާ ޒަމާނީ ބޮޑު ބަދަލުގެ ޙަޤީޤީ ސަބަބަކީ، އަލަށް ޢަމަލުކުރަން ފެށުނު ފުލުހުންގެ ޤާނޫނު ކަމަށެވެ. އަދި އެ މުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން، އެ ޤާނޫނުން ފުލުހުންނަށް ކަށަވަރުކޮށްދޭ ކަމަށެވެ.
89 އަހަރުވީ ވަރުގަދަ މުއައްސަސާއެއް ހިންގުމުގެ މިނިވަންކަން، އެތަނެއްގައި ތިބި ތަޖުރިބާކާރު ޤާބިލް ހުނަރުވެރި އޮފިސަރުން ބައްޓަންކުރާނެ ކަމަށާއި، އަދި އެކަން ކުރަމުންދާނީ، ޤައުމަށް އެންމެ ލާބަހުރި، ޒަމާނަށް ފެތޭގޮތަށްކަމާމެދު ޝައްކު ނުކުރަށްވާކަމަށް ވިދާޅުވިއެވެ.
"ފުލުހުންގެ މުއައްސަސާއަކީ އެންމެ މީހެއް ނޫން. ފުލުހުންގެ ޤާނޫނާ އެއްގޮތަށް،އެ މުއައްސަސާ ރިފޯމްކޮށް، އޭގެ ޒާތުގައި އަމިއްލައަށް ބައްޓަންވެ، ހެދި ބޮޑުވެ، ޒަމާނީވުން ނޫން އެހެން ދަނޑިމާރެއް ނޭޅޭނެ. އެއީ އެކަން ހިނގަންޖެހޭ ޠަބީޢަތުގެ މަގު." ރައީސް ވިދާޅުވިއެވެ.
ކުރެވޭ ނުކިއްސަރު ކަމަކުން މުޅި މުއައްސަސާ ބަދުނާމުވާ ޙާލަތެއް އަތުވެދާނެ ކަމަށާއި، މިކަމުގައި ފުލުހުންގެ ލީޑަރޝިޕުން ޢަމަލުކުރައްވަންވާނީ، އިންޞާފާއި މަޞްލަޙަތު، އެއްތަރާދެއްގައި ކަމަށް ވިދާޅުވިއެވެ. އަދި އެހެން މިކަން ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
"ފުލުހުންނަކީ ޤާނޫނު ތަންފީޛުކުރާ އެންމެ މުހިންމު މުއައްސަސާ. ޤައުމުގެ މަޞްލަޙަތާއި އަމާންކަން ދެމިއޮތުން ވަނީ ތިޔަބޭފުޅުން ކުރާ މަސައްކަތާ ގުޅި ލާމެހިފައި. އެއްދުވަހުގެ ގޮންޖެހުންތަކުން އަރައިގަތުމަށްފަހު، އަނެއް ދުވަހު ހޭލާއިރު، ދެން އޮންނާނީ އަދި މާ ބޮޑު ގޮންޖެހުމެއް ކަމުގައި ވެދާނެ. އެކަން އެގޮތުގައި ބަލައިގަނެގެން، ތިޔަބޭފުޅުންގެ މަސައްކަތްތައް ބައްޓަން ކުރުން މުހިންމު" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފުލުހުންގެ ޤާނޫނުގެ ރޫޙަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު، މުޅި މުއައްސަސާގެ ޤާބިލްކަން އިތުރުވެ، ކުރިއަރައިދިޔުން ކަމަށާއި، ކުރިއެރުމަށްޓަކައި ފުރަތަމަ ކުރިއަރަންޖެހެނީ ނަފްސު ކަމަށެވެ. އަދި ކުރިއަރަންޖެހެނީ ކަންކުރާ މީހާއަށް ލިބިހުރި އީޖާބީ ވިސްނުން ކަމަށާއި، ކުރިއަރަންޖެހެނީ ހުނަރާއި ތަޢުލީމާއި ތަމްރީނާއި އަދި ވަކިން ޚާއްޞަކޮށް، ހެޔޮ ޚުލްޤު ކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގައި، ސަރުކާރުން އިސްކަންދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވައި، މި ސަރުކާރު ބިނާވެގެން އައީ އިންޞާފް ޤާއިމުކޮށްދިނުމުގެ ވަޢުދާއެކުކަމަށް ވިދާޅުވެފައެވެ.
"އިންޞާފް ޤާއިމްވުމުގެ ތަޅުދަނޑިއަކީ ހިންގޭ ފުރިހަމަ ތަޙުޤީޤު. ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ފުރިހަމަ ތަޙުޤީޤަކުން މެނުވީ އިންޞާފަށް ވާސިލެއްނުވެވޭނެ. މިކަމުގައި ޒަމާނުއްސުރެ އޮތް ހުސްކަން ފޫބެއްދުން ކޮންމެހެން މުހިންމު. ވަކިން ޚާއްޞަކޮށް، ޒަމާނީ ތަޙުޤީޤީ ހުނަރު ލިބިފައިވާ އޮފިސަރުން އުފައްދަންޖެހޭ." ރައީސް ވިދާޅުވިއެވެ.
މިހާރަކީ އިޢުތިރާފަށްވުރެ ބޮޑަށް ހެތްކާއި ޤަރީނާގެ މައްޗަށް ބުރަވެ، އިންޞާފު ޤާއިމުކުރެވޭ ޒަމާން ކަމަށާއި، ބޭނުންވާ އިންސާނީ ވަސީލަތާއި، ހުނަރާއި، ޤާބިލްކަމާއި، ޓެކްނޮލޮޖީ ފުލުހުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ފުލުހުންގެ ލީޑަރޝިޕްގައި އަންހެނުން ނެތުމުގެ ފަޅުކަން އޮތްކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި މުޖުތަމަޢުގެ ކަންކަމާ މުޢާމަލާތުކޮށް ޙައްލު ހޯދައިދޭ އެއްފަރާތަކީ، ފުލުހުން ކަމަށްވާއިރު، މުޖުތަމަޢުގެ އިޙްސާސް ދެނެގަތުމުގައި، އަންހެނުންގެ ރޯލް ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ. ފުލުހުންގެ މުއައްސަސާއަށް އަންނަ ހެޔޮ ބަދަލުތަކުގެ ތެރޭގައި، އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަށްވާ ކަމަށް ވެސް ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!