ސިއްހީ ދާއިރާގައި ކުރިމަތިވާ މައްސަލަތައް ހައްލުވާނީ ސަރުކާރަށް ޖެއްސުންނުކޮށް އެންމެންވެސް އެކަމާއި އުޅިގެންކަމަށާއި، އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުންނަގޮތުން އެކަން ހައްލުކުރުމަށް ގޮންޖެހުންތައް ކުރިމަތިވާކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތްތައް ރަނގަޅަށް ނުލިބޭ ކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި ތަޅުމުގައި އިއްޔެ ވާހަކަދައްކަވަމުން އިބްރޭ ވިދާޅުވީ، އެ މައްސަލައަކީ ޙަޤީޤަތުގައި ހުރިހާ އެންމެންގެ މައްސަލައެއް ކަމަށެވެ.

Ad
rt

އެ މައްސަލައަކީ ޙަޤީޤަތުގައި ސިޔާސީކުރަންވީ ކަމެއް ނޫން ކަމަށާއި، މަސައްކަތް ކުރާންވީ އެ މައްސަލަ ބަލައި ހައްލުކުރެވޭތޯ ކަމަށް އިބްރޭ ވިދާޅުވިއެވެ. އަދި އެ މައްސަލައަށް ތާއީދު ނުކުރަށްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް މައްސަލަ އޮތް ގޮތް އަޅުގަނޑަށް އެނގޭ ގޮތަށް އަޅުގަނޑު ކިޔައިދޭނަން. ވޭތުވެދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ހުރިހާ ޞިއްޙީ މަރުކަޒުތަކެއް 24 ގަޑިއިރަށް ބަދަލުކުރި. 18 ގަޑިއިރަށް، ދެން ހުރި ތަންތަން 18 ގަޑިއިރަށް ބަދަލުކުރި. އެއްވެސް ރަށެއްގައި ނެތް މިގޮތަށް ބަދަލުނުކުރާ ހޮސްޕިޓަލެއް، ޞިއްޙީ މަރުކަޒެއް." އިބްރޭ ވިދާޅުވިއެވެ.

އެހެންކަމުން މި ސަރުކާރު އައިއްސަ ފުރަތަމަ ޖެހުނީ، އެ ކަންތައްތައް ހައްލުކުރެވޭތޯ ބަލަން ކަމަށާއި، ތަނެއް 24 ގަޑިއިރު ހިންގާ ކަމަށް ވާނަމަ އެތަނުގައި އެކަށޭނަ އަދަދަކަށް މުވައްޒަފުން ތިބެން ޖެހޭކަމަށް އިބްރޭ ފާހަގަކުރެއްވިއެވެ.

"މުވައްޒަފުންގެ އެތާނގެ މެޝިނަރީއާއި، އެތާނގެ އިކުއިޕްމަންޓްސްއާއި، އެ ތަން އެގޮތަށް ބަދަލުކުރަން އެބަ ޖެހޭ. މި ސަރުކާރު ފުރަތަމަ އައިސް އެ ކަންތައް ކުރަން ފެށީ. އެ ކަންތައް ކުރަމުން އައިއްސަ ވަކި ހިސާބަކަށް ދިޔަ ތަނާ ވީ ގޮތަކީ، ކޮވިޑުގެ ހާލަތު އަޅުގަނޑުމެންނަށް އައީ. އައިސް އަޅުގަނޑުމެންނަށް ބަޖެޓު ތާށިވީ" އިބްރޭ ވިދާޅުވިއެވެ.

ބަޖެޓު ތާށިވުމުގެ ސަބަބުން އެ ކަންތައްތައް އެގޮތަކަށް ނުކުރެވުނު ކަމަށާއި، މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ، އިންޑިއާއިން ޑޮކްޓަރުން ރާއްޖެއައުމަށް ފަސްޖެހޭ ޖެހުންކަމަށް އިބްރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިންޑިއާ ޑޮކްޓަރުން ތަނަށް އައުމަށް އެބަ ފަސްޖެހޭ އިންޑިއާ އައުޓް ގޮވާވަރުން އިނގޭތޯ. ޓުވީޓުތަކާއި، އެހެން މީޑިއާތަކަށާއި، އިދިކޮޅު ފަރާތްތައް މިކުރާ ކަމަކީ، އިންޑިއާ އައުޓްޖެހުން. އެގޮތަށް އެ ކަންތައް ކުރަން ފެށީމާ ކިހިނެއްތޯ؟ އަޅުގަނޑުމެންގެ އެންމެ ބޮޑު މެޑިކަލް މީހުން މި އަންނަނީ އިންޑިއާއިން." އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، ކަމެއް ރަނގަޅުކުރަން ކުރާ މަސައްކަތުގެ ތެރެއިން ގޯސްހަދައި، ފަރުވާކުޑަކުރާ މުވައްޒަފަކާމެދު ފިޔަވަޅުއަޅައިފިނަމަ އެފަދަ މީހުންނަށް ހިތްވަރުދޭން އިދިކޮޅު ފަރާތްތައް ތިބޭ ކަމަށާއި، އެފަދަ މީހުންގެ މައްސަލަތައް ވެސް މަޖިލީހަށް ވައްދާކަމަށެވެ.

"ގެނެއްސަ މިތާ ބަހުސްކުރޭ އެބަ މީނަ ކަނޑައިލީ ކީއްވެގެން ހެއްޔޭ. މި ކިޔަނީ އެއް ހާސް މުވައްޒަފުންގެ ތެރެއިން، އެއް ހާސް ސިޔާސީ މީހުންގެ ތެރެއިން އެކަކު އަޅުގަނޑުމެން ވަކިކުރީ. ވަކިކުރީމާ މި ތަނަށް އައިސް އެބަ ބަހުސްކުރޭ. އެހެންވީމާ، މި ހުންނަނީ ވަރަށް އުނދަގޫ ކަންތައްތައް" އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ، ބައެއް ރަށްރަށް މި ސަރުކާރުން އަލަށް ހޯދައިދިން އެމްބިއުލާންސްތައް ވެސް 6 މަސް، 7 މަސްދުވަހުގެ ތެރޭގައި ހަލާކުކޮށްލާފައި އެބަހުރިކަމަށެވެ. އެކަން އެގޮތަށް ކުރަނީ އެ އެމްބިއުލާންސްތައް ހަލާކުކޮށްލި ތަންތާތިބޭ ބައެއްގެ ފަރުވާކުޑަކަމުން ނުވަތަ ސިޔާސީ ނުފޫޒުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކަންތައްތައް މިހެން ހުރިއިރު، ޞިއްޙީ ޚިދުމަތްދިނުމަކީ ހަމަ ހުރިހާ ތަނަކަށް އޮތް ގޮންޖެހުމެއް ކަމަށް އިބްރޭ ވިދާޅުވިއެވެ. އަދި އެއީ އެންމެގެ ވެސް މައްސަލައެެއް ކަމަށާއި، މެންބަރުންނާއި ސިޔާސީ ހުރިހާ ފަރާތްތަކުން މައްސަލަ ހައްލުކުރަން މަސައްކަތްކޮށްގެން ނޫނިއްޔާ އެ މައްސަލަ ހައްލެއް ނުވާނެކަމަށް އިބްރޭ ވިދާޅުވިއެވެ.