ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމަށް ތައްޔާރުވެ، އެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން ފީއަކަށް 10،000 ރުފިޔާ ނަގަން ބާ ކައުންސިލުން ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ނިންމުމެއް ނޫންކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
މި އަހަރުގެ ޖޫން މަހު ބާ ކައުންސިލުން ބޭއްވުމަށް އިންތިޒާމު ކުރަމުންދާ ދިވެހިރާއްޖޭގެ ފުރަތަމަ ބާ އިމްތިޙާނު އޮންނާނީ 25 ޖޫން 2022 ވާ ހޮނިހިރު ދުވަހުއެވެ. އަދި ބާ އިމްތިޙާނުގެ ފީ ގެ ގޮތުގައި ކެންޑިޑޭޓުން ދައްކަންޖެހޭނީ -/10،000 (ދިހަ ހާސް) ދިވެހި ރުފިޔާކަމަށް ބާ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތަމްރީނާއި ބާ އިމްތިހާނު ފުރިހަމަކުރުމަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެމްއެންޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން، ދިވެހިރާއްޖޭގައި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމަށްފަހު ގާނޫނީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ ފަރާތްތަކުން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތަމްރީނާއި ބާ އިމްތިހާނު ފުރިހަމަކުރުމަށް ދިމާވެފައިވާ ދަތިތަކަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ އަދި އެކަމަށް އަވަސް ހައްލުތަކެއް ހޯދަންޖެހޭ ކަމެއްކަމަށް ދެކޭކަމަށެވެ.
:
27 ޖޫން 2019 ގައި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ގާނޫނީ ދާއިރާއިން މަތީ ތައުލީމް
ހާސިލްކޮށް، ގާނޫނީ ވަކީލުކަން ކުރުމުގެ ދާއިމީ ހުއްދަ ނުލިބޭ ފަރާތްތަކުގެ އަދަދު މިއަދާ ހަމައަށް 500 (ފަސްސަތޭކަ) އާ
ގާތްކުރާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މި ފަރާތްތަކަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ތަމްރީނާއި ބާ އިމްތިހާނު ފުރިހަމަކުރުމުގައި ދިމާވެފައިވާ ދަތިތައް ކަމަށްވާއިރު، އެކަމަށް އަވަސް ހައްލުތަކެއް ހޯދުމަށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާކަމަށް އެމްއެންޕީގެ ބަޔާނުގައި ބުނެފަވެއެވެ.
"މި ޕާޓީން ގަބޫލުކުރާ ގޮތުގައި ބާ އިމްތިހާނު ފުރިހަމަކުރުމަށްޓަކާ ގާނޫނީ ވަކީލުންގެ ހުއްދައަށް އެދޭ ފަރާތްތަކުން 10,000 (ދިހަހާސް) ރުފިޔާގެ ފީއެއް ދައްކަންޖެހޭނެކަމަށް ބާ ކައުންސިލުން ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ނިންމުމެއް ނޫނެވެ." އެމްއެންޕީން ބުނެފަވެއެވެ.
އެ ޕާޓީން ބުނީ، ގާނޫނީ ވަކީލުކަމުގެ ދާއިމީ ހުއްދަ ނުލިބި ތިބި ގިނަ ފަރާތްތަކަކީ ތައުލީމް ހާސިލުކުރުމަށް ލޯން ނަގައިގެން ތައުލީމް ފުރިހަމަކޮށްފައިވާ ފަރާތްތަކެއް ކަމަށްވާއިރު، މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން އެފަރާތްތަކާ މަޝްވަރާ ކުރެވި، ފައިސާ ދެއްކުމަށް
އެކަށީގެންވާ މުއްދަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
"ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބާ އިންތިހާބު ޖޫން 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަދަ ބޮޑު އަދަދެއް އިމްތިހާނުގެ ފީއެއްގެ ގޮތުގައި ކުއްލި ގޮތެއްގައި ދެއްކުމަކީ ގިނަ ފަރާތްތަކަކަށް މާލީގޮތުން ބޮޑު ބުރައަކަށް ވާނެކަމެއް ކަމަށް މިޕާޓީން ދެކެމެވެ." އެމްއެންޕީން ބުނެފަވެއެވެ.
އެމްއެންޕީން ބުނީ، ގާނޫނީ ވަކީލުންނަށް ހާއްސަ ގާނޫނެއް ވުޖޫދުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާ މަސައްކަތްތަކާ ގުޅޭ ފަންނީ އެންމެހާ ކަންކަން ރެގިއުލޭޓްކޮށް، ގާނޫނީ ވަކީލުންނަށް ތަމްރީނުދީ، ގާނޫނީ
ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި ޖުމްލަ ގޮތެއްގައި ގާނޫނީ ފަންނު ތަރައްގީކޮށް ބެލެހެއްޓުން ކަމަށްވާއިރު، މިކަންކަން
ކުރުމުގެ ޒިންމާ ގާނޫނުން ހަވާލުކޮށްފައިވާ ފަރާތްކަމަށްވާ ބާ ކައުންސިލަށް ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުން، ގާނޫނީގޮތުން ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައިވާއިރު، އެ ޒިންމާތައް އަދާކުރުމަށް އެ ކައުންސިލަށްވެސް އެކަށީގެންވާ ބަޖެޓެއް ލިބުމަކީ މުހިންމު ކަމެއްކަމަށެވެ.
އެގޮތުން، ބާ ކައުންސިލް ހިންގުމަށްޓަކާ ކޮންމެ އަހަރަކު ބޭނުންވާނެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ދޭންވާނެކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބަޔާންކޮށްފައިވީނަމަވެސް، އެ ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެކަށީގެންވާ ބަޖެޓެއް އެފަރާތްތަކަށް ހަމަޖެހިފައި ނެތުމުން ކަންބޮޑުވާކަމަށާއި، އެހެންކަމުން، މިފަދަ މުއައްސަސާތަކުން ގާނޫނީގޮތުން އަދާކުރަންޖެހޭ ޒިންމާތަކާ އެކަށޭނެ ބަޖެޓެއް އެފަރާތްތަކަށް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާކަމަށް އެމްއެންޕީގެ ބަޔާނުގައި ބުނެފަވެއެވެ.
ބާ އިމްތިހާނުގެ ފީ އާންމުކޮށް، އެ ފީއާއިގުޅޭގޮތުން ބާ ކައުންސިލުން ބުނެފައި ވަނީ، ބާ އިމްތިޙާނުގެ ފީ ކަނޑައެޅުމުގައި ބާ ކައުންސިލުންވަނީ ގިނަ ކަންތައްތަކަކަށް ރިޢާޔަތްކޮށްފައިވާ ކަމަށެވެ. އެގޮތުން، ބާ ކައުންސިލަކީ ގްރާންޓް ފަންޑުން ހިންގާ ތަނަކަށްވާތީ އާއި މި އަހަރުން ފެށިގެން ކުރިއަށް އޮތް ކޮންމެ އަހަރަކުވެސް ބާ އިމްތިޙާނެއް އިންތިޒާމުކުރަން ޖެހޭނެތީ، މިފަދަ އިމްތިޙާނެއް ދެމެހެއްޓެނިވި ގޮތަކަށް ބޭއްވުމަށްޓަކައި އިމްތިޙާނުގެ ޚަރަދު އަނބުރާ ހޯދުމަކީ ފީ ކަނޑައެޅުމުގެ އެންމެ އަސާސީ އެއް މަޤްޞަދުކަމަށް ބުނެފަވެއެވެ.
އަދި އިމްތިޙާނުގެ ޚަރަދު އަނބުރާ ހޯދުމަކީ ދުނިޔޭގެ އެހެން ބާ ތަކުގައިވެސް އެކަން ކުރާ ގޮތަށްވުމުގެ އިތުރުން، ބާ އިމްތިޙާނު ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވުމަށް މަސައްކަތް ނުކުރާކަމުގައިވާނަމަ ބާ ކައުންސިލަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ތިބި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަމުގައި އެހީތެރިކަން ލިބުމުގެ ދަތިކަން ބާ ކައުންސިލަށް ކުރިމަތިވާނެ ކަމުގެ މައްޗަށް ފީ ކަނޑައެޅުމުގައި ރިޢާޔަތްކޮށްފައިވާކަމަށް ވެސް ބުނެފަވެއެވެ.
ބާ ކައުންސިލުން ބުނެފައި ވަނީ އިމްތިޙާނުގެ ބައިވެރިންނަށް އިމްތިޙާނަށް ތައްޔާރުވުމަށް ލިބިފައިވާ ވަގުތަކީ މިފަދަ ކަމަކަށް މާލީގޮތުން ތައްޔާރުވުމަށް އެންމެ އެކަށީގެންވާ މުއްދަތެއްކަމަށް ނުވުމުގެ ފުރުސަތު އޮތަތީ، އިމްތިޙާނުގެ ބައިވެރިންނަށް ދެވޭ ލުޔެއްގެ ގޮތުން މިއަހަރު އިމްތިޙާނު ބޭއްވުމަށް ހިނގާ ޚަރަދުގެ %50 ޒިންމާ އުފުލާނީ ބާ ކައުންސިލުން ކަމުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއިން ނިންމާފައިވާ ކަމަށާއި، އަދި އިމްތިޙާނުގެ ބައިވެރިންގެ އަތުން އިމްތިޙާނުގެ ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ އިމްތިޙާނަށް ކޮށްފައިވާ ޚަރަދުގެ %50 (އިމްތިޙާނުގެ ކޮންމެ ބައިވެރިއަކަށް އެވްރެޖްކޮށް ދިހަ ހާސް ރުފިޔާ) ކަމަށެވެ.
މިއަހަރު ބާ އިމްތިހާނަށް ނަގާފީއަކީ ޚަރަދުގެ 50 އިންސައްތައަށްވާ 10 ހާސް ރުފިޔާކަމަށް ބާ ކައުންސިލުން ބުނެފައިވާތީ، މިއަހަރަށްފަހު އަންނަ ބާ އިމްތިޙާނުތަކުގެ ފީއަކީ 20،000 ރުފިޔާކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!