ދިވެހި ރާއްޖޭގައި މިހާތަނަށް ހިންގާ އިޔާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ވިދާޅުވިގޮތުގައި، މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ޕަވަރ ޕާރޗޭސިންގް އެގްރީމެންޓްގެ ދަށުން ސޮއިކުރެވޭ އެންމެ ބޮޑު ސޯލަރ ޕީވީ އެއްބަސްވުމެވެ.
މިއަދު ސޮއިކުރެވުނު ކޮންޓްރެކްޓްގެ ދަށުން ތިން ސިޓީއާއި، ތިން ރަށެއްގައި 11 މެގަވޯޓު ސޯލާ ޕެނަލް ހަރުކުރާނެއެވެ.
މި މަޝްރޫޢު ހިންގާ ސިޓީތަކާއި، ރަށްތައް:
- ހދ. ކުޅުދުއްފުށި، 1.5 މެގަވޮޓް
- އައްޑޫސިޓީ، 3 މެގަވޮޓް
- ފުވައްމުލަކު ސިޓީ، 2 މެގަވޮޓް
- ގދ. ތިނަދޫ، 2 މެގަވޮޓް
- ބ. އޭދަފުށި، 1.5 މެގަވޮޓް
- ޅ. ހިންނަވަރު، 1 މެގަވޮޓް
މެލޭޝިއާގެ މެގަ ފަސްޓް ޕަވަރ އިންޑަސްޓްރީޒް އެސްޑީއެން ބަރްހާދް އަދި ޕަވަރ ޗައިނާ ހުއަޑޮންގ އިންޖިނިއަރިންގ ކޯޕަރޭޝަން ޖޮއިންޓް ވެންޗަރއާއި ހަވާލު ކުރި މިމަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، މިމަޝްރޫޢުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފުރަތަމަ ކުއާޓަރގައި ފެށި އަހަރުގެ ފަހުކޮޅުގައި ޙިދުމަތްދޭން ފެށޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!