އަނބިމީހާއަށް އަނިޔާކުރި ހއ. ކެލާ މީހަކު 9،000ރ. އިން ޖޫރިމަނާ ކުރަން ހައި ކޯޓުގެ އުތުރު ގޮފިން ހުކުމްކޮށްފި އެވެ.

ކެލާއަށް ނިސްބަތްވާ އެ މީހާ އަނިޔާކުރީ އޭނާ 2015 ވަނަ އަހަރު ކައިވެނިކޮށްގެން އުޅުނު ހއ. ތަކަންދޫ އަންހެނަކަށެވެ. އެ މީހުންގެެ ކައިވެނި މިހާރު އޮތީ ރޫޅިފަ އެވެ. އޭނާ އަނބިމީހާގެ ގައިގައި އަތުން ޖަހައި، އަނިޔާކުރީ ދެ މީހުންގެ ދެމެދުގައި 2015 ވަނަ އަހަރުގެ ފަހުކޮޅު ހިނގި ޒުވާބަކަށްފަހު އެވެ. އެކަން ކުރުމަށްފަހު އެހެން ބައެއް މީހުން ގާތުގައި ވެސް އެ ވާހަކަ ބުނެފައިވެ އެވެ. ކެލާ ކޯޓުން ނިންމީ ކުށް ސާބިތުނުވާ ކަމަށެވެ.

Ad
rt

ހދ. ކުޅުދުއްފުށީގައި ހުންނަ އުތުރު ގޮތްޕަށް މިދިޔަ ހަފުތާގައި ޒިޔާރަތްކުރި ފަނޑިޔާރުންގެ ވަފުދުން އެ މައްސަލަ ބެލުމަށްފަހު ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން ކުރި އަތްލުމުގެ ދައުވާ ސާބިތުވާ ކަމަށެވެ. އޭގެ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ވީ ނަމަވެސް އޭނާގެ ކުށުގެ ރެކޯޑެއް ކުރިން ނެތުމުން ފަނޑިޔާރުން ނިންމީ އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށެވެ.

ޖޫރިމަނާއަށް ބަދަލުކުރުމުން ޖެހެނީ 9،000ރ. އެވެ. އެ ފައިސާ އެއް މަސް ތެރޭގައި މީރާއަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.