ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އެރަށުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ތިލަދުން" އަށް ވިދާޅުވީ، މިޚިދުމަތް ދޭން ފަށާނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށާއި ނަމަވެސް މިހާރު މިޚިދުމަތަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށެވެ.

Ad
rt

މީގެ ކުރިން އެރަށުގައި މިޚިދުމަތް ދެމުންދިޔައީ ފެނަކައިގެ ފަރާތުންނެވެ. އޭރު މިޚިދުމަތް ދީފައިވަނީ ކޮންމެ ގެއަކުން -/50 (ފަންސާސް ރުފިޔާ) ގެ ފީއެއް ނަގައިގެންނެވެ. ފެނަކައިގެ ފަރާތުން މިމަސައްކަތް ހުއްޓުމަށްފަހު ފާއިތުވެދިޔަ 3 މަސްދުވަހު ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް މިޚިދުމަތް ދީފައިވަނީ ހިލޭއެވެ.

ރަޝީދު އިތުރަށް ވިދާޅުވީ މިފަހަރު ކުނިނެގުމުގެ އުސޫލަށް ބައެއް ބަދަލުތައް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން ގޭގައި އުފެދޭ ކުނީގެ އިތުރުން ބަދިގޭގައި އުފެދޭ ކުނިވެސް ކައުންސިލްގެ ފަރާތުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއާއިއެކު ފީއެއްގެ ގޮތުގައި ގޭބިސީއަކުން -/150 (ސަތޭކަ ފަންސާސް ރުފިޔާ) ނަގަން ވަނީ ނިންމާފައެވެ.

ކައުންސިލުން މި މަސައްކަތް ފަށާއިރު، ދިއްދޫ ފެނަކައިންވެސް ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެރަށުގެ 1200 ގެއަކުން މިހާރުވެސް ދަނީ މިޚިދުމަތް ހޯދަމުންނެވެ.

ކައުންސިލުން އަލަށް އެކުލަވާލާފައިވާ ގަވާއިދާއި ޚިލާފަށް ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އަޅަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އެކައުންސިލުން ވަނީ އަންގާފައެވެ. މީގެ ސަބަބުން ރަށުގެތެރެ ސާފުތާހިރުވެ ގަވާއިދާއި ޚިލާފަށް ކުނިއަަޅަމުންދާ މައްސަލަ ހައްލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.