މިއަދު ކުރިއަށް ދިޔަ ބައި- އިލެކްޝަންތަކުން އިދިކޮޅު ޕީޕީއެމް ދެ ގޮނޑި ކާމިޔާބުކޮށް، އެމްޑީއޭ އިން ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ވަނީ ތިން ގޮނޑިއަކަށް މީހުން އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ކުރިއަށް ގެންގޮސްފައެވެ. އެއީ ޅ. ކުރެންދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށާއި، ދ. މީދޫ އަދި ފ. ނިލަންދޫން ކުރެ ކޮންމެ ރަށަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކު އިންތިޚާބު ކުރުމަށެވެ.

Ad
rt

މިގޮތުން މިއަދު ކުރިއަށް ދިޔަ ޅ. ކުރެންދޫ ކައުންސިލުގެ ރައީސްގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާޢީލް މަދީހު ވަނީ ކާމިޔާބު ހޯދާފައެވެ. މަދީހް ކާމިޔާބު ހޯދީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ނަސީރުއާއި ވާދަކޮށެވެ.

އިންތިޚާބުގައި ވޯޓުލީ ފޮށިތައް މިހާރު ގުނާފައިވާއިރު އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީރަށް ލިބުނީ ޖުމްލަ 564 ވޯޓެވެ. ޕީޕީއެމްގެ މަދީހުއަށް ޖުމްލަ 614 ވޯޓު ލިބުނެވެ. އަދި، ޖުމްލަ 20 ވޯޓު ވަނީ ބާތިލުވެފައެވެ.

ފ. ނިލަންދޫއާއި، ދ. މީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިއިލެކްޝަންގައި ފ. ނިލަންދޫ ގޮނޑި ކާމިޔާބު ކުރީ ވެސް ޕީޕީއެމްއެވެ. ދ. މީދޫ ގޮނޑި ކާމިޔާބު ކުރީ ސަންޓްރެވަލް ޝިޔާމްގެ އެމްޑީއޭ އިންނެވެ.

ނިލަންދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓް ރަނިއްޔާ ނަސީރު ކާމިޔާބުކޮށްފައިވާއިރު، މީދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި ކާމިޔާބު ކުރީ އެމްޑީއޭގެ ކެނޑިޑޭޓް ހުދުނާ ޢަބްދުލްޢަޒީޒް އެވެ.

މީގެތެރެއިން ފ. ނިލަންދޫ ގޮނޑިއަށް ޕީޕީއެމްގެ އިތުރުން އަމިއްލަ ތިން ކެނޑިޑޭޓަކާއި، އެމްއެންޕީގެ ކެނޑިޑޭޓަކު ވާދަކުރިއެވެ. އަދި މީދޫ ގޮނޑިއަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީ އަދި އަމިއްލަގޮތުން ކުރިމަތިލި ކެނޑިޑޭޓަކު ވާދަކުރިއެވެ.