ޕޯޗުގަލްގެ ތަރި ކުރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ފުޓުބޯޅަ ކެރިއަރުގެ 700 ވަނަ ގޯލް ރޭ ޖަހައިފިއެވެ.
ރޮނާލްޑޯ 700 ވަނަ ގޯލް ޖެހީ 2020 ވަނަ އަހަރު ބާއްވާ ޔޫރޯ ކޮލިފައިންގައި މިރޭ ޔުކުރެއިން އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ކާމިޔާބު ކޮށްދިން 95 ވަނަ ގޯލެވެ. ރޭ ގްރޫޕް ބީ ގައި މި ދެޓީމު ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބު ކުރީ ޔުކުރޭން އެވެ.
ރޮނާލްޑޯގެ ކެރިއަރުގައި އެންމެ ގިނަ ގޯލް ޖަހައިދީފައި ވަނީ ރެއާލް މެޑްރިޑަށެވެ. އެކުލަބަށް 450 ގޯލް ރޮނާލްޑޯ ވަނީ ޖަހައިދީފައެވެ. 5 ފަހަރު ބަލަންޑިއޯ ކާމިޔާބުކޮށްފައިވާ 34 އަހަރުގެ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑް އަށް ބަދަލުވުމުގެ ކުރިން ކުޅުނު ސްޕޯޓިންގ އަށް 5 ގޯލް ކާމިޔާބުކޮށްދީފައި ވާއިރު ޔުނައިޓެޑަށް ވަނީ 118 ގޯލް ޖަހައިދީފައެވެ. އަދި މިހާރު ކުޅެމުންދާ ޔުވެންޓަސް އަށް ވަނީ 32 ގޯލް ކާމިޔާބު ކޮށްދީފައެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ 30 މިނިޓް ތެރޭ ޔޫކްރޭނުން ވަނީ ދެ ގޯލު ޖެހައި މެޗުގެ ލީޑު ނަގާފައެވެ. އެއަށްފަހު ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވަނީ ގޯލާއި އަމާޒިކޮށް ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ޔުކުރޭންގެ ކީޕަރު ވަނީ މި ހަމަލާތަށް ދިފާޢު ކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ 0-2 އިން ޔުކުރޭން ލީޑުގައި އޮވެއެވެ.
ދެވަނަ ހާފު ފަށައިގެން ޔުކުރޭން އިންވަނީ އަނެއްކާވެސް ރަނގަޅު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ޕޯޗުގަލްއިން ވަނީ ޔުކުރޭންއިން ވަނީ އިތުރު ގޯލެއް ޖެހިޔަ ނުދީ ދިފާއުކޮށްފައެވެ. ޕޯޗުގަލް ގެ ހަމައެކަނި ގޯލު މެޗުގެ 72 ވަނަ މިނެޓުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯއެވެ.
ޕޯޗުގަލް އަށް ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން ޓަރާސް ސްޓެޕަނެންކޯ އަތުގައި ބޯޅަ ޖެހުމުންނެވެ. މިއާއެކު އޭނާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
މެޗުގެ ބާކީ އޮތް 20 ވަރަކަށް މިނެޓު ޔުކުރޭންއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މިއާއެކު ޕޯޗުގަލްގެ އެޓޭކުތަށް އަނެއްކާވެސް އިތުރަށް ވަރުގަދަ ވިއެވެ. ނަމަވެސް ޔުކުރޭން އިން ވަނީ މެޗުގެ ލީޑު ދަމަހައްޓާފައެވެ. ރޭގެ މެޗަށްފަހު ޔޫކްރޭނުން އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވެފައިވަނީ 19 ޕޮއިންޓާއިއެކު ގްރޫޕްގެ 1 ވަނާގައި އޮވެއެވެ.
ގްރޫޕް އޭ ގައި ރޭގައި ކުޅުނު މެޗުން ބަލާއިރު އިންގްލެންޑުން ވަނީ ފަސޭހަ ކަމާއިއެކު 0-6 އިން ބަލްގޭރީއާ ބަލިކޮށްފައެވެ. މިގްރޫޕްގެ 1 ވަނައިގައި 15 ޕޮއިންޓާއިއެކު އިންގްލެންޑެވެ. ގްރޫޕް އެޗް ގައި ފްރާންސް ވަނީ އަމިއްލަ ދަނޑުގައި 1-1 އިން ތުރުކީ އާއި އެއްވަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!