ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަދި އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ހަތަރު ދުވަހުގެ މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީއާ އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވުމާއި މި ދެ ސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސް ޞާލިޙްގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާ އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!