އިހަވަންދިއްޕޮޅުގެ ތަސައްވުރަކީ ކުރީ ސަރުކާރުގައި ރައީސް ޔާމީން ގެންގުޅުއްވި ވަރަށް ފުރިހަމަ ތަސައްވުރެއްކަމަށާއި، ތަސައްވުރަށް ޖެހުނު "މުސީބާތަކީ" އިންޑިއާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝިޔާމް އަވަށްޓެރި އިންޑިޔާގެ ބޮލުގައި މިފަދަ ތުހުމަތެއް އަޅުވާފައި ވަނީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ 20 އޮކްޓޯބަރު 2021 ގައި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން އެ ޤަރާރު ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ ބަހުސް ހިންގާފައެވެ.
މި ބަހުސްގައި ބައިވެރިވެވަޑައިގެން ޝިޔާމް ވިދާޅުވީ، އިހަވަންދިއްޕޮޅުގެ ތަސައްވުރަކީ އެއީ، ޕީޕީއެމްގެ ސަރުކާރުގައި ރައީސް ޔާމީން ގެންގުޅުއްވި ވަރަށް ފުރިހަމަ ތަސައްވުރެއްކަމަށެވެ. އަދި ހަމަ މި ޒާތުގެ ތަސައްވުރެއް ފ. އަތޮޅަށް ވެސް ގެންގުޅުއްވިކަމަށް އޭނާ ވިދާޅުވިއެވެ.
"މީގައި މި ވާ ގޮތަކީ، ތަރައްޤީއަށް ހުރަސްއަޅާ ސިޔާސީ ފަރާތްތައް ދިވެހިރާއްޖޭގައި ހަރަކާތްތެރިކަމާ އެކީގައި އުޅޭ ސިޔާސީ ޕާޓީތައް ދިވެހިރާއްޖޭގެ ތަރައްޤީއަށް ހުރަސްއަޅާ އެބަ އުޅޭ. ފ. ގެ ޕްރޮޖެކްޓަކީ އެއީ ދިވެހިރާއްޖޭގެ އިޤުތިޞާދު ޑައިވަރސިފައިކުރާނެ ޕްރޮޖެކްޓެއް. އަނެއްކާ އިންގިލާބީ ބޮޑު ބަދަލެއް، ވިއްކާލަނީކީ ނޫން." ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ފ. ޕްރޮޖެކްޓަކީ އާމްދަނީ ދައުލަތަށް އިތުރުކުރާވަރުގެ ވަރުގަދަ ޕްރޮޖެކްޓެއް ކަމަށެވެ. އެހެންނަމަވެސް، އެ ޕްރޮޖެކްޓްގެ ވާހަކަ ދެއްކި ހިސާބުންފެށިގެން އެކަމާ ދެކޮޅު ހަދައި، އިހުތިޖާޖުފަށައި އެމްޑީޕީގެ މެންބަރުން މަގުމަތިން ހުސްނުވިކަމަށް އޭނާ ވިދާޅުވިއެވެ.
"އިހަވަންދިއްޕޮޅުގެ އެ ތަސައްވުރަށް ޖެހުނު މުސީބާތަކީ، އިންޑިއާ. އިންޑިއާއިން ބޭނުމެއްނުވޭ އިންޑިއާގެ ފޮރިން ޕޮލިސީގެ ތެރެއިން އޮންނަ ސެކިއުރިޓީ ޕޮލިސީ މިހިސާބުގައި ތަންފީޛުކުރާއިރުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރަން
ހުރި ކަންތައްތައް އެބަ ހުއްޓުވާ، ހުއްޓުވަން މަސައްކަތް އެބަ ކުރޭ." ޝިޔާމް ވިދާޅުވިއެވެ.
މިއަދު ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ޕޯޓެއްގެ މުހިންމުކަން ފެނިވަޑައިގެންފައިވާ ކަމަށާއި، ނަމަވެސް އެއީ މިއީ ޕީޕީއެމްއިން ގެންގުޅުނު ތަސައްވުރެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެ މެންބަރު، އެ އިއްޒަތްތެރި މެންބަރު މިއަދު ސުވާލު ސަރުކާރާ އެބަ ކޮށްލަންޖެހޭ، ކޮބައިތޯ، ކީއްވެގެންތޯ އިހަވަންދިއްޕޮޅުގައި މި އިންވެސްޓްމަންޓް ނޫނީ މި ޕްރޮޖެކްޓް ނުހިންގިގެން މި އުޅެނީ؟ މި ނަފާވެރިކަން ދިވެހި ޤައުމަށް ނައިސްގެން މި އުޅެނީ ކީއްވެގެންތޯ؟ ވެރިންގެ އެ ހިތްވަރު ނެތީތޯ ދިވެހިރާއްޖެއަށް ހަވާލުވެ، ޒަޢާމަތާ ހަވާލުވާ ވެރިންގެ. ނޫން، އެހެނެއް ނޫން ވަނީ." ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިހަވަންދިއްޕޮޅުގެ ތަސައްވުރުގެ ތެރެއިން އެ ތަނުގައި ޓްރާންޝިޕްމަންޓް ޕޯޓެއްގެ އިތުރުން ވަރުގަދަ ދިވެހިރާއްޖޭގެ އިޤުތިޞާދަށް އިންގިލާބީ ބޮޑުސިންގާހާ ބަދަލެއް އަންނާނެ ތަސައްވުރެއް ޕީޕީއެމްގެ ސަރުކާރުން ގެންގުޅުއްވިކަމަށެވެ.
"ނަމަވެސް، އެ ޕްރޮޖެކްޓު އިޢުލާންކުރެވުމާ ހިސާބުން ފެށިގެން އިންޑިއާގެ އުނދަގޫތައް އަޅުގަނޑުމެންނަށް ކުރިމަތިވާން ފެށި. އެ ތަނަށް ރަނގަޅު ސްކޭލްގެ އިންވެސްޓްމަންޓްސް އިންޑިއާ ފިޔަވައި އެހެން ޤައުމުތަކުން ކުރާ ކަމަށް ވާނަމަ، މި އިންޑިއަން އޯޝަންގައި އިންޑިއާއަށް ނުރައްކާތެރި ކަންތައްތަކެއް ހުރި ކަމަށް ވާހަކަތައް ދައްކަވައި، އެ މަސައްކަތްތައް ހުއްޓުވި ތަން އަޅުގަނޑުމެންނަށް ފެނުނީ އިއްޒަތްތެރި ރައީސް." ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިހަވަންދިއްޕޮޅު މަޝްރޫޢު ހިންގަން ޗައިނާއާއި، މެދު އިރުމަތީގެ ބައެއް ޤައުމުތަކާއި އެ ނޫންވެސް ދުނިޔޭގެ ގިނަ ޤައުމުތަކަކުން ޝައުޤުވެރިވާކަމަށެވެ.
"އެހެންނަމަވެސް، މި ތަނަށް އެހެން އެއްވެސް ޤައުމަކުން ރަނގަޅު ސްކޭލެއްގައި 100 މިލިއަން ޑޮލަރަށް ވުރެ
އިތުރު ފައިސާކޮޅެއް ހިފައިގެން އަޔަނުދޭ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ އިންޑިއާގެ ނުފޫޒުން. ދިވެހިރާއްޖޭގެ މުޅި
މާލީ ނިޒާމަށް އިންޑިއާގެ ނުފޫޒު އެބަ އޮތް. މި ތަނަށް އިންވެސްޓުކުރަން ތިބި އިންވެސްޓަރުން އެބަ ބިރުގަނޭ، މިއަދު
އިންޑިއާގެ ނުފޫޒު ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށާއި، ދިވެހިރާއްޖޭގެ މުޅި މާލީ ނިޒާމަށް އޮންނާތީވެ އިންވެސްޓަރުން
މިއަދު ބިރުގަނޭ." ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖެއަށް އިންވެސްޓުކޮށްގެން ތިބި އިންޑިއާ އިންވެސްޓަރުން ފިޔަވައި އެހެން ޤައުމުތަކުގެ އިންވެސްޓަރުން
މިއަދު "އިންވެސްޓްމަންޓްތައް ފުލްއައުޓްކުރާ ހިސާބަށް" ކަންކަން ގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމީން ސަރުކާރުގައި "އައިހެވަން" މަޝްރޫޢު ނަމުގައި އިހަވަންދިއްޕޮޅުގައި މަޝްރޫޢެއް ހިންގުމަށް މަސައްކަތްތަކެއް ކުރިއެވެ. އެ މަޝްރޫޢު 2013 ވަނަ އިންތިޚާބުގެ ވޯޓު ހޯދުމަށް އުތުރަށް "ވިއްކާފައިވާއިރު" އެ މަޝްރޫޢުއާއި ފ. މަޝްރޫޢު ހިންގުމުގެ ނަމުގައި "ސްޕެސިއަލް އިކޮނޮމިކް ޒޯން" ގެ ޤާނޫނެއް ވެސް ބިލް މަޖިލީހަށް ވެއްދިތާ އެއްދުވަހުން ކަހަލަ ގޮތަކަށް ފާސްކުރިއެވެ. ނަމަވެސް ދައުރު ނިމުނު އިރުގައި މި މަޝްރޫޢު ފަށާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!