ކޮއްކޮމެން ޕްރީ ސްކޫލާއި ށ. ފުނަދޫ ޕްރީ ސްކޫލް އަބްދުﷲ އަބްދުލް ކަރީމް (އޭއޭކޭ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއެއްބަސްވުމަކީ ށ. ފުނަދޫ އަންހެނުންގެ ކޮމެޓީގެ ބެލުމުގެ ދަށުން ހިންގާ އަބްދުﷲ އަބްދުލް ކަރީމް (އޭއޭކޭ) ޕްރީ ސްކޫލާއި ދެމެދު ވެވުނު އެއްބަސް ވުމެއްކަމަށް ކޮއްކޮމެން ޕްރީ ސްކޫލުން ހާމަކުރެއެވެ. ކޮއްކޮމެން ޕްރީ ސްކޫލުން އިތުރަށް ވިދާޅުވީ މިއީ، ޕްރީ ސްކޫލުތަކަށް ޢިލްމީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން ސޮއި ކުރި އެއްބަސްވުމެއް ކަމަށެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ށ. ފުނަދޫ ކައުންސިލް އިދާރާގަ އެވެ.
މި އެއްބަސްވުކުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށާއި އެގޮތުން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި ފަންނީ ޤާބިލްކަން އިތުރުކުރުމަށް ތަމްރީންތައް ރާވާހިންގުމާއި، ކަނޑައެޅޭ ވަކިއުސޫލެއްގެ ތެރެއިން ދެ މަދަރުސާގެ މުދައްރިސުން ތަޖްރިބާ ހޯދުމަށްޓަކައި 'އެކްސްޗޭންޖް ޕްރޮގްރާމް' ތަކަށް ފުރުސަތުދިން ހިމެނޭކަމަށް ކޮއްކޮމެން ޕްރީ ސްކޫލުން ވިދާޅުވި އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮއްކޮމެން ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ އެ ޕްރީ ސްކޫލުގެ ޕްރިންސިޕަލް ޞާބިރާ އަހުމަދު އެވެ. އަދި ފުނަދޫ ޕްރީ ސްކޫލުގެ ފަރާތުން ސޮއި ކުރެއްވީ ފުނަދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް އަޒްމާ އަހްމަދުއެވެ. މިރަސްމިއްޔާތުގައި އެމްއޯޔޫ ވަނީ ފުނަދޫ އަންހެނުން ކޮމެޓީގެ ރައީސާ ފަރުޒާނާ އާދަމްއަށް ހަވާލުކުރައްވާފައެވެ.
މިއެއްބަސްވުމުގެ ދަށުން ތުއްތުކުދިންގެ ހެދިބޮޑުވުމާ ތަރައްޤީއަށް ބިނާ ކުރުވަނިވި ގޮތެއްގައި ދެފަރާތުގެ މަޝްވަރާގެ ތެރެއިން ހިޔާލުބަދަލުކޮށް މަސަތްކަތް ކުރުމާއި ކުރިއެރުވުން ހިމެނެއެވެ. އަދި އިސްލާމީ ތަރުބިއްޔަތުގެ ތެރެއިން ދަރިވަރުންގެ ތަޢުލީމާއި އުގެނުމުގެ ބިންގާ ހަރުދަނާ ކުރުމަށް ބޭނުންވާނެ އެންމެހާ ކަންކަން ދެފަރާތުންވެސް ހިއްސާކުރާނެއެވެ. އަދި ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި 'ޓީޗިންގ އެންޑް ލަރނިންގް މެޓީރިއަލްސް' ތަރައްޤީ ކުރުމާއި އުގަންނާއި ދިނުމަށް ބޭނުންކުރާނެ އާލާތްތަށް އަދި ވަސީލަތްތައް ހިއްސާކުރުން ހިމެނެއެވެ.
މާލޭގައި ހިންގާ ކޮއްކޮމެން ޕްރީ ސްކޫލުން ދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ކައުންސިލްތަކާއި އަމިއްލަ ފަރާތްތަކުން ހިނގާ ޕްރީ ސްކޫލުތަކަށް ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޕްރީ ސްކޫލުތަކުގައި ކިޔަވައިދޭނެ ފޮތް ސެޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކޮއްކޮމެން ޕްރީ ސްކޫލުގެ ޓީމުން ވަނީ ޢިލްމު އިންސްޓިޓިއުޓްއާއި ގުޅިގެން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!