ރޯދަމަހާއި ގުޅިގެން ރައްޔިތުންނަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން ހއ. އިހަވަންދު ގޭބިސީ ތަކުން ކުނި ނެގުމުގެ މަސައްކަތް ހިލޭ ކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް "ތިލަދުން" އަށް ވިދާޅުވީ މިއީ ރޯދަމަހުގެ ހަދިޔާއެއްގެ ގޮތުން އެރަށު ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ކޮށްދޭ ޚިދުމަތެއް ކަމަށެވެ.
އެގޮތުން މިޚިދުމަތް ބޭނުންވާ ފަރާތްތަކުން މާރޗް 29 ވާ އަންގާރަ ދުވަހުގެ ކުރިން އެކައުންސިލްގެ ނަންބަރ 6500013 އަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ. ރަޖިސްޓްރީ ކުރުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 14:00 އާ ހަމައަށް ކުރިއަށް ދާނެއެވެ.
އިހަވަންދޫގެ 125 ގެއަކުން މިހާރުވެސް ދަނީ ކުނިނެގުމުގެ ޚިދުމަތް ހޯދަމުންނެވެ. ކައުންސިލުން މިމަސައްކަތް ކޮށްދެމުންދަނީ ޚިދުމަތް ހޯދާ ކޮންމެ ގެއަކުން މަހަކު 150 ގެ ފީއެއް ނަގައިގެންނެވެ.
އިހަވަންދޫ ކައުންސިލުން އިތުރަށް ވިދާޅުވީ މިކަމަށް ރައްޔިތުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ. އަދި މީގެއިތުރުން ރޯދަމަހާއި ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މިފަދަ އިތުރު ހަރަކާތްތަކެއް އެކައުންސިލުން ރާވާފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އިހަވަންދޫ ކައުންސިލުން ފާއިތުވި އަހަރު ރޯދަމަހު ވެސް މި ޚިދުމަތް ފޯރުކޮށްދީފައި ވަނީ ހިލޭ ސާބަހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!