އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމަށް ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެމްއެންޑީއެފްއިން ކުރިއަށްގެންދާ "ފަޔަރ ޕްރިވެންޝަން ވީކް 2022" ފަށަން ތައްޔާރުވެއްޖެއެވެ.

މި ހަރަކާތަކީ، އަލިފާނުގެ ނުރައްކަލުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

Ad
rt

އެމްއެންޑީއެފްއިން ވިދާޅުވީ، މި ހަރަކާތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށްގެންދަން ނިންމާފައި ވަނީ މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ގޭބިސީތައް ގިނަ ސަރަހައްދުތަކަށް އަމާޒުކޮށްގެން ކަމަށާއި، މިގޮތުން، "ކިޗަން ސިމިއުލޭޓަރ" އެއްގެ އެހީގައި 'އޮން ލޮކޭޝަން' ގައި ސްޓޭންޑެއް ބަހައްޓައިގެން އެ ސަރަޙައްދެއްގައި އެފްއާރުއެސްގެ ސިފައިން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާނެ ކަމަށް އެ އިދާރާއިން މައުލުމާތު ދެއްވައެވެ.

ރަމަޟާން މަހާ ގާތްކޮށް، މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރަމަޟާން މަހަކީ އަލިފާނުގެ ހާދިސާތައް ހިނގުން ނިސްބަތުން ގިނަ މަހެއްކަމަށް ފާހަގަ ކުރެވޭތީވެ، މިފަދަ ހަރަކާތެއްގެ ތެރެއިން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދީ ހޭލުންތެރި ކުރުވުން ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އާންމު ރައްޔިތުންގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ މި ހަރަކާތް މާރިޗު 19 އިން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ހޮނިހިރު ދުވަހު މި ހަރަކާތް ފަށާނީ އެ ދުވަހުގެ ހަވީރު މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުންނެވެ. މީގެ އިތުރުން ވިލިމާލޭ، ހުޅުމާލޭ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ތިލަފުށިގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެމްއެންޑީއެފް އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ވެސް އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުގައި މާރިޗު 19 ވަނަ ދުވަހު މި ހަރަކާތް ފެށުމަށް ނިންމާފައިވާއިރު، މާރިޗު 21 ވަނަ ދުވަހު މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ ވިލިމާލޭ، ފެރީ ޓާމިނަލް ސަރަހައްދުގައެވެ. އަދި މާރިޗު 22 ވަނަ ދުވަހު މި ޕްރޮގްރާމް ތިލަފުށީގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ހިންގުމަށް ވަނީ ނިންމާފައެވެ.

މާރިޗު 23 ވަނަ ދުވަހު މަސްވެރިންނަށް އަމާޒުކޮށްގެން ހުޅުމާލޭ ފޭސް 1 ގެ މަސްމާރުކޭޓް ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންދާނެއެވެ. އަދި މާރިޗު 24 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގެ ހިޔާފުލެޓް ސަރަހައްދުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދާނެއެވެ.