ކުޅުދުއްފުށީ ސިޓީ ގައި ކެންސަރަށް ސްކްރީން ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މިއީ އެ ހޮސްޕިޓަލާއި، މޯލްޑިވްސް ކެންސަރ ސޮސައިޓީ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ.

Ad
rt

އަންނަ ހޮނިހިރު ދުވަހު ކުރިއަށްގެންދަން ނިންމާފައިވާ މި މިކޭމްޕުގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރު އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ދާނެކަމަށް ކޭއާރުއެޗުން ވަނީ ވިދާޅުވެފައެވެ.

މިކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމާރޗް މަހުގެ 19 ވަނަ ދުވަހުއެވެ.

މި ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ އުފަންހިޔާގައެވެ. އެ ކޭމްޕް ކުރިއަށްގެންދާ ވަގުތު އެތަނަށް ދިޔުމުން ސްކްރީނިންގައި ބައިވެރި ވުމުގެ ފުރުޞަތު ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މި ކޭމްޕްގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުން ކުރިއަށް ގެންދަން ނިންމާފައި ވަނީ 18 އަހަރުންމަތީގެ އަންހެނުންނަށެވެ. އަދި ފިރިހެނުންނަށްވެސް ސްކްރީން ކުރުމުގެ ފުރުސަރު ވަނީ ހުޅުވާލާފައެވެ.

އަނގައިގެ ކެންސަރަށް ސްކްރީން ކުރުމުގެ ފުރުސަތު ހުރިހާ އުމުރުފުރައަކަށް ހުޅުވާލަފައިވާ އިރު ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ސްކްރީން ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 20 އަހަރުން މަތީގެ އަންހެނުންނަށެވެ. މިސްކްރީން ކުރެވޭނީ ޕީރިއަޑް ނޫން ދުވަސްވަރުގައެވެ.