ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އައު 5 މެންބަރަކު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އޭސީސީއަށް މެންބަރުން ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ފަސް ނަމެއް ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުއްވީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިދިޔަ ހޯމަދުވަހު އެ ނަންތަކަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.

Ad
rt

އޭސީސީއަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ:

1. އާދަމް ޝާމިލް ރަތްވިލާގެ، ތ.ވިލުފުށި
2. ޢަބްދުއްސަލާމް ހަވާ، ށ.ނަރުދޫ
3. ޠާހާ މުޙައްމަދު ކަޅިހާރުގެ، އދ.މާމިގިލި
4. ޝަޒްނާ ހާޝިމް ރިހިވިލު، ހދ.ނޮޅިވަރަންފަރު
5. ޝިޔާމާ މުޙައްމަދު ނާރެސް، ރ.ހުޅުދުއްފާރު

މި ބޭފުޅުންގެ ތެރެއިން އާދަމް ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ލޯ ހާސިލު ކުރައްވާފައެވެ.

ޢަބްދުއްސަލާމް އެންމެފަހުން ހުންނެވީ އޭސީސީގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމުގައެވެ. އޭނާ ވަނީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައެވެ.

ޠާހާ މުޙައްމަދު ހުންނެވީ "ދަ ލިޓިޖެންޓްސް އެލް.އެލް.ޕީ"ގެ ޕާޓްނަރެއްގެ ގޮތުގައެވެ. އަދި ޠާހާ ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދެވި "ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީ"ގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އޭނާ އަކީ ޤައުމީ ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ބެޗްލަރސް ޑިގްރީ އިން ކޮމަރސް (އެކައުންޓިން) ހާސިލުކުރައްވާފައިވާ ޝަޒްނާ ހާޝިމް އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ.

ޝިޔާމާ މުޙައްމަދު އެންމެފަހުން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުގައެވެ. އޭނާ ވަނީ ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީޢާ ހާސިލު ކުރައްވާފައެވެ.