މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް (ޕެސްޓް) ދަށު ކޯޓުން ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޕެސްޓް ބޭސްފަރުވާއަށް ދެ މަސް ދުވަހަށް ބަންދުން ދޫކޮށްލަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އެންގީ ޝަރުތުތަކާ އެކު އެވެ.

Ad
rt

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ ދަށު ކޯޓުގެ އަމުރު ބާތިލްކޮށް، ކުރިއެކޭ ވެސް އެއްގޮތަށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަންގައިފަ އެވެ.

ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ބޭސްފަރުވާއަށް އޭނާ ބަންދުން ދޫކޮށްލަން އެންގިއިރު އެ ނިންމުމަށް ދަށު ކޯޓުން ވާސިލްވި ގޮތެއް ކޯޓު އަމުރުގައި ނެތުމުންނެވެ. އަދި ދަށު ކޯޓުން އެގޮތަށް ނިންމުމުގައި ބެލި ކަންކަމެއް ވެސް އެ އަމުރު އެނގެން ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.